ހދ. މަކުނުދޫގައި އިއްޔެ ހަވީރު 4:15 ހާއިރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއަކީ މުޅި އެރަށަށާއި، ރާއްޖެ އަށް ވެސް ކުއްލި ޝޮކެއް ގެނުވި ހާދިސާއެކެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ ދެ މީހެކެވެ.

Ad
rt

މި ހާދިސާ ހަމަލޮލަށް ދުއް މީހެއްގެ ހައިސިއްޔަތުން، 2021 ވަނަ އަހަރު ދިވެހިބަހާ ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑާއި، ހަމަ އެ އަހަރު ރުލާ އެވޯޑުން ކުރިއަށް ގެންދިޔަ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑާއި އަދި 2022 ވަނަ އަހަރުގެ ރެެހެންދި އެވޯޑު ހޯދާފައިވާ ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ގުލްޒާރުގައި މަޝްހޫރު، އިއްޒާ އަޙުމަދު ނިޒާރު (ޢިއްޒަ) އޭނާގެ ފޭސް ބުކްގައި ލިޔުއްވާފައިވާ ގޮތުގައި އިއްޔެގެ ހިތާމަވެރި ހާދިސާ ސިފަކޮށްދޭނެ ގޮތެއް ވެސް އޭނާ އަކަށް ނޭނގެއެވެ.

''އެމަންޒަރު ހަމަލޮލަށް ފެނުނީ ރަށުގެ ފަޅުތެރޭގައި ތިއްބައެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާގެ ފުރާނަ ސަލާމަތްވިއެވެ.'' އިއްޒަ ލިޔެފަވެއެވެ.

އެ ހާދިސާގައި ދެ ފުރާނަ ދުނިޔެއާ ވަކިވެދިއުމަކީ ލިބުނު އެންމެ ބޮޑު އެއް ހިތާމައެއް ކަމަށާއި، އެއީ ލިބުނު ކުއްލި ސިހުމެއް ކަމަށް އިއްޒަ ބުނެފަވެއެވެ. މީގެ އިތުރުން އަދިވެސް އެ ބިރުވެރިކަން ހިތުން ފިލައިގެން ނުދާކަމަށް ރޭ އިރާކޮޅު އިއްޒަ ލިޔުނު ޕޯސްޓްގައި ބުނެފަވެއެވެ.

''އެ ގޮވުމެއް ގޮވީ އަޅުގަނޑުމެން އައިސް ބަނދަރުކުރަން އޮތް ދިމާގައެވެ. އަޅުގަނޑުމެން ބަނދަރުކުރުން ސީދާ އެވަގުތާ ދިމާނުވިކަން އެއީ ނަސީބެވެ. 15 ވަރަކަށް މިނެޓް ލަސްވިކަން އެއީވެސް ހަމަ ނަސީބެވެ.'' އިއްޒަ ލިޔެފަވެއެވެ.

އެ ހާދިސާގައި އިއްޒަގެ ސައިކަލު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، އެތާ ޕާރކްކޮށްފައި އެވަގުތު ހުރި ހުރިހާ އުޅަނދަކަށްވެސް ހުރީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަން އިއްޒަ ވަނީ ފާހަގަކޮށްފައެވެ.

އިއްޒަ ބުނެފައިވާގޮތުގައި މުދަލަށް ގެއްލުންވުމަކުން މާ ބޮޑު ހިތްދަތިކަމެއް ނެތެވެ. އެންމެ ހިތުގައި ޖެހުނީ ދެ ފުރާނަ ދުނިޔެއާއި ވަކިވެގެން ދިޔުމުން ކަމަށް އޭނާ ބުނެފަވެއެވެ.

މަކުނޫދޫގައި ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް، ނިޔާވީ ދެ ބިދޭސީން

މަކުނުދޫގައި އިއްޔެ ހިނގި މި ހާދިސާގައި ގޭސް ސިލިންޑަރެއް ގޮވައި، ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ހުރީ އެތައް ފޫޓެއްގެ ދުރަށް ބުރައިގެން ގޮސްފައެވެ. އެ ސިލިންޑަރު ގޮވުމާއެކު މުޅި ރަށަށް ދިޔައީ ގުޑުން އަރައިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ރޭ ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާގެ ތަހުގީގު އެ އިދާރާއިން މިހާރު ވަނީ ފުޅާކޮށްފައެވެ. މިގޮތުން ކުޅުދުއްފުށީގައި ތިބޭ ފުލުހުންގެ ފޮރެންސިކް ޓީމް ވެސް ރޭ ވަނީ އެރަށަށް ގޮސް މަސައްކަތް ފަށާފައެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، މި މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށީގައި ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ވަނީ ހަތަރު މީހަކަށް އަނިޔާވެފައެވެ. ކުޅުދުއްފުށީ އެއާޕޯޓުގައި ހިނގި މި ހާދިސާގައި އަނިޔާވީ އެރަށު އެއާޕޯޓުގެ ފަޔަރ ގައި މަސައްކަތްކުރާ ހަތަރު މުވައްޒަފަކަށެވެ. އެތަނުން އެކަކުގެ ހާލު ސީރިއަސްވެ އެ ރޭވަނީ އެމާޖެންސީގައި މާލެ ގެނެސް ފަރުވާ ދޭން ފަށާފައެވެ.