އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އެ ސިޓީގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ 1124 އެތްލީޓުންނާއެކު ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވުނު އެންމެބޮޑު މުބާރާތް ކުޅުދުއްފުށީގައި ބޭއްވުނުކަމީ އެ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ އުއްމީދަކީ އެތްލެޓިކްސް ގައުމީ މުބާރާތް ކުޅުދުއްފުށީގައި ހޯސްޓުކުރަން ލިބުން ކަމަށާއި އެކަމުގެ ފެހި ސިގުނަލެއް ވެސް އެސޯސިއޭޝަނުން ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތެއް ބޭއްވުމުގެ އުއްމީދު ވެސް ކުރައްވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 15 ން 20 ވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީގައި ބޭއްވި މި މުބާރާތް މިހައި ފުރިހަމަކޮށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް ޑިޕިއުޓީ މޭޔަރާއި ކައުންސިލުގެ ހީވާގި މުވައްޒަފުންނަށް ވަނީ ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން މި މުބާރާތަށް އެ ސިޓީއަށް ދިޔަ ގިނަ އަދަދެއްގެ މީހުންނަށް ބެހެއްޓެވި މެހްމާންދާރީ އަށް ވެސް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!