ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، އެކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށެވެ. އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަދި އަންގާފައި ނުވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.

"އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސްގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށާއި އެކަން ހުއްޓުމަށް އަންގާފައިވާ ކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ހަބަރަށް ރިޢާޔަތްކޮށް ދަންނަވަމެވެ. އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ."އެސްޓީއޯ އިން ބުނެފައިވެއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ދަށްވެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްކަމަށް ފިރުޒުލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ފަހު ހަ މަހަށް ބޭނުންވާ ސިއްހީ އާލާތްތަކަށް އޯޑަރު ކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.