ކުލަގަދަ ރަސްމިއްޔާތަކާއިއެކު އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.

ހދ. ކުޅުދުއްފުށި ސިޓީ ގައިި މި ޗެމްޕިއަންޝިޕް ބާއްވާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ށ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް އާއި އެތްލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް، މައިޒާން އަލި މަނިކާއި، ނައިބު ރައީސް އަހުމަދު އަޒީލްއާއި، އެސޯސިއޭޝންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ރޭގެ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ ރައްޔިތުންގެ މަޖިލިސްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، މުބާރާތުގައިި ވާދަކުރާ ސްކޫލުތަކުގެ އެތުލީޓުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ފަށާފައި ވަނީ ކުޅުދުއްފުށީގެ މަސްހޫރު ސަގާފީ އައިޓަމް ''ހިއްޗަށް ވަޑައިގަތުން'' އާއެކުގައެވެ.

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އިވެންޓަކުން ވަނަތައް ހޯދި ބައިވެރިން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި ރަސްމިއްޔާތުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް ދެއްކެވި ވާހަކާގައި މުބާރާތަށް ކުޅުދުއްފުށީ ވެފައިވާ ތައްޔާރީ ތަކަށާއި އިމްތިޒާމްތަކަށް ވަނީ ތައުރީފް ކުރައްވާ ޝުކުރު އަދާކުރައްވާފައެެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ ސިޓީގައި ގައުމީ ފެންވަރުގެ އެތުލެޓިކްސް މުބާރާތެއް ބާއްވައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

މިއަހަރުގެ މުބާރާތުގައި 35 ސްކޫލަކުން 1124 އެތްލީޓުން ވާދަކޮށްފައިވާއިރު، މުބާރާތުގައި ވާދަކުރީ 505 އަންހެން އެތުލީޓުންނާއި 619 ފިރިހެން އެތުލީޓުންނެވެ. މިއީ މިހާތަނަށް އަތޮޅުތަކުގެ މުބާރާތެއްގައި އެންމެ ގިނަ އެތުލީޓުން ވާދަކުރި ފަހަރެވެ.

މި މުބާރާތުގައި ޖުމްލަ 37 އެތުލީޓުން ވަނީ އައު މީޓް ރެކޯޑުތައް ގާއިމުކޮށްފައެވެ.