ފެނަކަ ކޯޕަރޭޝަނަށް ތުހުމަތު ކުރެވޭ 72 މިލިއަން ރުފިޔާގެ 31 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވަނީ ބަހުސްކޮށްފައެވެ.
އެ ބަހުސްގައި ހަސަން ލަތީފް ވިދާޅުވީ ފެނަކަ އިން ކުދިކުދި ކުންފުނިތައް ބޭނުންކޮށްގެން ކޮށްފައި ހުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ އަވަހަށް ދެވޭނެ ގޮތެއް ސަރުކާރުން ހޯދައި ދޭން ޖެހޭ ކަމަށެވެ. އަދި މިހާރު އަަޑު އިވެނީ ކުންފުނިތަކަށް އެތައް މިލިއަން ރުފިޔާ އެއް ނުލިބި އޮތް ކަމުގެ ވާހަކަ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ހަސަން ވިދާޅުވީ އެ ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށާއި އެ މައްސަލަތައް ބެލެން ޖެހޭ ކަމަށެވެ.
"މި މައްސަލަތަކަކީ ބެލެން ޖެހޭނެ މައްސަލަތައް. އެ މައްސަލަތައް ނުބެލި އެހެން ހުންނަ ކަމަށްވާ ނަމަ، ދެން އަނެއްކާ ވެސް އެކަންކަން ކުރާ ފަރާތްތަކަށް އެ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް. އެއީ އަޅުގަނޑު ކޮންމެހެން މި ސަރުކާރުގައި ފެނަކަ ހިންގަން ތިބި މުވައްޒަފުންގެ ވާހަކައެއް ނޫން،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ފެނަކައިގެ މައްސަލަތައް ނުބެލޭ ނަމަ، ދެން އަންނަ ސަރުކާރަކުން ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަން އެ ލިބެނީ ހިތްވަރެއް ކަމަށެވެ.
"72 މިލިއަން ރުފިޔާއަކީ ކުޑަ އަދަދެއްގެ ފައިސާއެއް ނޫން. އެ ހިޔާނާތުގެ މައްސަލަތައް، އެ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެ ކުންފުނީގެ މުވައްޒަފުން،" ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން، ފެނަކައިގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް ވެސް ހަސަން ތުހުމަތު ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!