ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިޒް ނުވަތަ އޯޑަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

"މީގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިހާރު ވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހޮސްޕިޓާތަކާއި އަދި އެހެންމެ ހެލްތު ސެންޓާތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަން،" ފިރުޒުލް ވިދާޅުވިއެވެ.

މި ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ކަމަށްވާ ނަމަ، ނޮވެމްބަރު މަހާ ހަމައަށް ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނަ އިރު، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައިދޭ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިރްޒުލް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދޭ ހިދުމަތްތައް މިހާރު މެނޭޖް ކުރަމުންދަނީ އިމަޖެންސީ ސްޓޮކްގެ ބޭނުން ހިފައިގެން ކަމަށެވެ. މި އޯޑަރުތައް ނުކުރެވިގެން އުޅެނީ ބަޖެޓުގެ ތެރެއިން ހަމަޖެހެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުމުގެ ސަބަބުން ކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ ކޮންޒިއުމަބަލްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައްވެސް ނެތްކަން ފާހަގަކުރައްވާފައެވެ. ފިރުޒުލް ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއަކީ، ގަވާއިދުން ވަކި އުސުލުން އޯޑަރުކޮށް ސްޓޮކް މެއިންތަނަސްކުރަންޖެހޭ ތަކެތި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސިއްހީ ނިޒާމަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރިއެވެ.