ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެއެވެ.

އެ އަތޮޅު ވަށަފަރުން ފުރައިގެން ދިއްދޫއަށް ދަތުރުކުރި ލޯންޗް، ދިއްދޫގެ ނެރުމައްޗަށް އުރިފައި ވަނީ މިރޭ 08:30 ހާއިރުއެވެ.

Ad
rt

މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އެ ރަށު ނެރުމައްޗަށް އުރިފައި ވަނީ އެ އަތޮޅު ވަށަފަރުން ފުރައިގެން އައި ލޯންޗެއް ކަމަށެވެ. އެ ލޯންޗްގައި 10 މީހުން ދަތުރުކުރި ކަމަށާއި، އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެ ދިހަ މީހުން ވެސް މިހާރު ވަނީ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށާއި، އޭގެ ތެރެއިން އެކަކު އަދި ހޭ ނާރާކަމަށެވެ.

ލޯންޗް ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ދިއްދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

މިހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު އެ އިދާރާއަށް މިރޭ 19:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާގައި ޑިންގީގައި ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވެފަވެއެވެ.