ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ފުލެޓުތަކުގެ ތެރެއިން 4000 ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންނާއެކު ނޮވެމްބަރު 17 ކުރިން ސޮއި ކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓް ހިމެނޭ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރުނިމިފައިވާއިރު، ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 އިންސައްތަ ނިިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ފްލެޓް ހަވާލުކުރާނީ ފިނިޝިން ގެ ހުރިހައި މަސައްކަތެއް ނިންމުމަށްފަހު ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ނަންތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ނިމުނުހައި އަވަހަކަށް ނަންތައް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމުކުރައްވާފައެވެ. އެހެންނަމަވެސް ފްލެޓް ލިބޭ މީހުން އަދިތަރުތީބުކޮށްފައެއް ނުވެއެވެ.
މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓަށް ސަރުކާރުން ހުޅުވާލުމުން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!