ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު 17 ވާ އަންގާރަ ދުވަހު ކަމަށެވެ.
މި ޕްރޮގްރާމުގަިއ ބައިވެރި ކުރުމަށް ނިންމާފައިވަނީ ޚަތިމު ބަލައިގެން ފަރިތަކޮށް ކިޔަވަން އެންގޭ ފަރާތްތަކަށް ކަަމަށާއި އެކަމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 14 ވާ ހޮނިހިރު ދުވަހގުގެ މެންދުރު 2 ޖެހުމުގެ ކުރިިން ނަން ނޯޓު ކުރުމަށް ވަނީ އެދިލައްވާފައެވެ.
ނޮޅިވަރަމް ކައުންސިލުން ވިދާޅުވީ މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށާއި 9943547 ނަމްބަރު ފޯނަށް ގުޅުއްވުމަށް އެދޭ ކަމަށެވެ. އަދި ނަން ނޯޓު ކުރުމަށް ވެސް އެ ނަމްބަރަށް ވައިބާ މެސެޖެއް ކުރެއްވުމަށް ވަނީ އެދިލައްވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަސް ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. މިއަހަރު މީލާދީގޮތުން އެ ދުވަސް ދިމާވަނީ އޮކްޓޯބަރު 17 ވަނަ ދުވަހާއެވެ. މި ދުވަސް މިގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!