ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް ފަލަސްތީން ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފިއެވެ.
އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދު ނަކަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަހީންކޮށްފައި ތިބި މީހުން ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށެވެ.
"ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން އަހަރުމެންގެ ބާރުގެ ދަށުގައި އެބަތިބި. އިސްލާމިކް ޖިހާދުގެ ބެލުމުގެ ދަށުގައި 30 އަށް ވުރެ ގިނަ ދުޝްމަނުން އެބަތިބި،" އިސްލާމިކް ޖިހާދުގެ ލީޑަރު ދެއްވި ބަޔާނުގައިވެއެވެ.
އިސްލާމިކް ޖިހާދުގެ ލީޑަރު ވަނީ ޣައްޒާ އިން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކަށް ތައުރީފްކޮށް، ކާމިޔާބަށް އެދިފައެވެ. މިއީ ފަލަސްތީންގެ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ވެސް އިސްލާމިކް ޖިހާދުގެ ލީޑަރު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އެހީ ވެސް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުން އެނގުނީ އިސްރާއީލްއަކީ އަސްކަރީ ގޮތުން ބަލިކަށި ގައުމެއްގެ ގޮތުގައި ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
"މި ހަމަލާތައް ދީފައި ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކުގައި. ވަދެގެންފައި ވަނީ އަސްކަރީ ބޭސްތަކަށް. އިސްރާއީލްގެ ސިފައިން ވަނީ އަތުލައިގެންފައި. އަދި ބައެއް ސިފައިން ހަތިޔާރުތައް ދޫކޮށްލާފައި ފިލަން ދިއުމަކީ އިސްރާއީލްގެ އަސްކަރިއްޔާ ބަލިކަށިކަން އަންގައި ދިން ކަމެއް،" ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އިސްރާއީލްގެ ސަރުކާރުން މި ހަގީގަތް ގަބޫލްކޮށް، އެމީހުން ބަލިވެއްޖެ ކަން ދަންނަން ޖެހޭ ކަމަށެވެ. އިސްލާމިކް ޖިހާދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމި ހުންނާނެ ކަމަށް ވެސް އެ ޖަމާއަތުގެ ލީޑަރު ވަނީ ވިދާޅުވެފައެވެ.
ފަލަސްތީންގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިސްވެ، ތިބެ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ވަދެގަތީ އިއްޔެ ހެނދުނެވެ. އޭގެ އިރުކޮޅެއް ފަހުން، ދެން ފެނިގެން ދިޔައީ ފަލަސްތީނުގެ ޣައްޒާ އިން އިސްރާއީލްގެ އެކި ހިސާބުތަކަށް 7،000 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް ފޮނުވާލި ތަނެވެ. ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 700 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. އަދި އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް އެރި ފަލަސްތީނުގެ މުޖާހިދުންނާ ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!