ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް ޒިގްޒެގްގެ ފަރާތުން އެދެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރިކަން އުފެއްދުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުޞަތު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދީ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމަށް ފުރުޞަތު ހުޅުވާލަދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.
ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އުރީދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!