ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން "ދިއްދޫ އެންމެ އަލިގަދަތަރި" ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިޑްލް ސްޕޯޓްސް ކުލަބުން، މި އަހަރު މި މުބާރާތް މުޅި އަތޮޅަށް ހުޅުވާލާނެކަން ވަނީ އިޢުލާން ކޮށްފައެވެ. ވުމާއިއެކު މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ނަމުގައެވެ.
މިމުބާރާތުގެ ޖުމްލަ 11 ކެޓަރގަރީ ސްޕޮންސާރޝިޕް ޕެކޭޖް ހިމެނިފައިވެއެވެ. އެއީ ޓައިޓަލް ސުޕޮންސާރ، ކޯ ސްޕޮންސާރ، ގޯލްޑް ސްޕޮންސާރ، ޓްރެވަލް ޕާރޓްނަރ، އޮފިޝަލް ކިޓް ޕާރޓްނަރ، ޕުރިންޓިން ޕާރޓްނަރ، ބޭންކިން ޕާރޓްނަ، ކޭޓަރިންގ ޕާރޓްނަރ، މީޑިއާ ޕާރޓްނަރ ، ޑިޖިޓަ ލް ޕާރޓްނާރ އަދި ޕާރޓްނާރސް ޕެކޭޖެވެ.
މި މުބާރާތް ސްޕޮންސަރ ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން (7656766) މި ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އެދިލައްވައެވެ.
އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ. ނަމަވެސް މުބާރާތުގެ 20 ޖާގައިގެ ތެރެއިން ތިން ޖާގަ ދިއްދޫއަށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.
މުޅިއަތޮޅަށް ހާއްސަކުރާ 17 ޖާގައަށް ވާދަކުރުމުގެ ފުރުޞަތު ދިއްދޫގެ ބައިވެރިންނަށް ވެސް ލިބިގެންދާނެއެވެ. ސަތާރަ ބައިވެރިން ސެލެކްޓް ކުރުމަށް ފަހު ދިއްދޫއަށް ހާއްސަކުރާ ތިން ޖާގައަށް ނަގާނީ 17 ބައިވެރިންގެ ތެރޭ ނުހިމެނުނު ފަރާތްތަކުގެ ތެރެއިން ދިއްދޫއަށް ނިސްބަތްވާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ބައިވެރިންނެވެ. މިމުބާރާތުގެ ތިން ޖާގައެއް ދިއްދޫއަށް ހާއްސަ ކޮށްފައި ވަނީ މުބާރާތް ހޯސްޓްކޮށް ހިންގާ ރަށްކަމަށް ވާތީއެވެ.
މިޑްލް ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކޮށްފައި ވަނީ 9 ޖޫން 2016 ގައެވެ. އެ ޖަމިއްޔާއަކީ ދިއްދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ކުޅިވަރާއި ރަށުގެ އިޖްތިމާއީ، ދީނީ އަދި ތައުލީމީ ގޮތުން އެކި ޙަރަކާތް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!