ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ނައިބުގެ މަގާމުގައި ހުންނެވި އަދި އިންތިހާބީ ނައިބު ރައީސް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެެ) ޕީއެންސީ އާ ރަސްމީކޮށް ސޮއި ކޮށްފިއެވެ.

ޕީޕީއެމްގައި ހުންނެވި، އިންތިހާބީ ނައިބު ރައީސް ޕީއެންސީ އަށް ސޮއިކުރައްވައިފައިވާކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Ad
rt

އެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހުސައިން މުހައްމަދު ލަތީފް ރިޔާާސީ އިންތިހާބުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށް ފަހު ކަމަށެވެ. އަދި ޕާޓީ ބަދަލުކުރެއްވުމަށް ފަހު، އެކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް މަޖިލިހަށް އެކަން އަންގާފައިވާ ކަމަށް ނަޝީދު ވަބީ ވިދާޅުވެފައެވެ.

ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާތީ، ވެރިކަމަށް ކުރިމަތިލެއްވުމަށް ގާނޫނީ ހުރަސްތަކެއް މެދުވެރިވެފައިވާތީއެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ނަމުގައި ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ. އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ސެޕޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ކާމިޔާބު ކުރެއްވީ 129،159 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ.

ހުސައިން މުހައްމަދު ލަތީފް ޕީއެންސީ އަށް ބަދަލުވެވަޑައިގަތުމުން މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީ ދެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުންގެ މައްޗަށެވެ.