ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޯލިޝަނާ ދުރަށްޖެހި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމި، ނިންމުން ރަނގަޅެއް ނޫންކަން ލަސްތަކެއްނުވެ އެކަން ފެންނިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ކެމްޕެއިންގައި އައްޑޫ ސިޓީ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ އެމްޑީއޭ އަށް ހެޔޮ ރަނގަޅު މުސްތަގް ބަލަކަށް ކަމަށާއި އެކަމަކު އެ ޕާޓީގެ އެ ނިންމުވުން އަދި އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި ލަސްތަކެއްނުވެ، އެކަން ފެނިގެންދާނެ ކަމަށެވެ.
އެމްޑީޕީގެ އުންމީދުތައް ވަރަށް އުޖާލާ ކަމަށާއި އެމްޑީއޭ އިން ކޯލިޝަނާ ދުރަށް ޖެހުނަސް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން މާޔޫސް ނުވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާކަން ފާހަގަކުރައްވައި، އެކަން ކަމަށް ސާލިހު ވަނީ ޝުކުރުވެސް އަދާ ކުރައްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެގޮތަށް ނިންމި އިރު، ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.
އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއެވެ.
ކައުންސިލް ބައްދަލުވުމަށް ތިން ހުށަހެޅުމެއް ހުށަހެޅިއިރު، އެއީ ރައީސް ސާލިހާ އެކު ދެވަނަ ބުރުގައި ވެސް ކުރިއަށް ދިއުމާއި، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމާއި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބުމަށެވެ. އޭގެ ތެރެއިން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް، ސައިލެންޓްކޮށް އެމްޑީއޭ އިން ތިބުމަށެވެ. އެކަމަކު، އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!