ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބޭނުންވަނީ ތިން ކަމެއް ކުރަން ކަމަށާއި އެކަންތައް ކުރެވިއްޖެނަމަ، އިންތިހާބު ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ތިން އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި އައްޑޫސިޓީ އަށް ވަޑައިގެން އެޕާޓީގެ މެމްބަރުންނާ ތާއީދުކުރައްވާ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު އެއް ކަމަކީ ވޯޓުލާން ތިބި މީހުންނާ ކުރަން ޖެހޭ މުއާމަލާތްތައް ނުކުރެވުން ކަމަށެވެ.

Ad
rt

އެގޮތުން ފޯން ކޯލްތައް ނާންނަ އެމްޑީޕީ މެމްބަރުންތަކެއް ތިބިކަން ފާހަގަކުރައްވާ ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލާން މީހުން ނެރެން އެކަށީގެންވާ މަސައްކަތް ވވެސް ނުކުރެވުނު ކަމަށެވެ. އަދި އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް ނުކުރެވި އޮތް ކަމަށާއި އެހެންވެ، ކުރިއަށް އޮތް ތަނުގައި ސަމާލުވާންވީ އެއް ކަމަކީ އެއީ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެވަނަ ކަމެއްގެ ގޮތުގައި އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުމަކީ ވެސް ވޯޓު ގެއްލުނު ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ ރަނގަޅަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްގެ ވޯޓާ އެކު އެމްޑީޕީ ފިކުރަށް 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ލިބިފައިވާ ކަމަށެވެ.

ސާލިހު ވިދާޅުވީ ތިން ވަނަ ކަމަކީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔުިތުންނަށް ހާމަކޮށްދިނުން ކަމަށާއި އެ މަސައްކަތް މިދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކުރެވިއްޖެ ކަމަށެވެ އަދި ކުރިއަށް މިއޮތް ދެދުވަހުގެ ތެރޭގައި ވެސް އެމަސައްކަތް ކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ބުރުގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުނަސް ދެވަނަ ބުރުގައި ކާމިޔާބީ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.