ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް އާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައެވެ.
ދަ ޑިމޮކްރެޓްްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރެއިންނެވެ.
ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނެއެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ވާދަކުރައްވައި 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ދިޔައީ ތިން ވަނައަށެވެ. އެކަމަކު، އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. އެއީ ޑިމޮކްރެޓްސްގެ ޝަރުތުތަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ވެރިކަން ކުރާ އެމްޑީޕީން އެއްބަސްނުވުމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 2 ގަ އެވެ. އެގޮތަށް ފާސް ކުރީ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!