އާސެނަލްއަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރ މާޓިން އޮޑެގާޑް، އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ.
އުމުރުން 24 އަހަރުގެ އޮޑެގާޑް ވަނީ އިތުރު ފަސް އަހަރު އެ ޓީމްގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓް އައުކޮށްފައެވެ. އައު ކޮންޓްރެކްޓްގެ ދަށުން 2027-28 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާނެއެވެ.
އޮޑެގާޑަކީ 2021 ވަނަ އަހަރި ޖަނަވަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އާސެނަލުން ވަނީ އެ އަހަރުގެ އޮގަސްޓް މަހު އޭނާގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.
އާސެނަލްއާއި ނޯވޭގެ މެދުތެރޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ އޮޑެގާޑަކީ މިވަގުތު އާސެނަލްއާއި ނޯވޭ ގައުމީ ޓީމްގެ ވެސް ކެޕްޓަނެވެ.
އޮޑެގާޑް މިހާތަނަށް އާސެނަލްއަށް ކުޅުނު 112 މެޗުގައި ވަނީ 27 ލަނޑު ޖަހައި 15 ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.
މިދިޔަ ސީޒަންގައި އާސެނަލުން ލީގުގައި ކުޅުނު 38 މެޗުގައި ވެސް އޮޑެގާޑް ވަނީ ކުޅެފައެވެ. އާސެނަލްއަށް ލީގުގެ ދެވަނަ ލިބުނު ނަމަވެސް އެ ޓީމް ވަނީ 2017 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.
އެއްބަސްވުން އައުކުރުމަށް ފަހު އޮޑެގާޑް ބުނީ ގިނަ ސަބަބުތަކާއިއެކު މި ނިންމުމަކީ އޭނާއަށް ވަރަށް ފަސޭހަ ނިންމުމެއް ކަމަށެވެ. ހާއްސަކޮށް އާސެނަލުން މިވަގުތު ނެރެމުން އަންނަ ރަނގަޅު ނަތީޖާތައް އޭނާ ފާހަގަ ކުރިއެވެ. އިތުރަށް ބުނީ އޭނާ އާސެނަލްގައި ހުރީ ވަރަށް އުފަލުން ކަމަށެވެ.
އުމުރުން އެންމެ ފަނަރަ އަހަރުގައި ނޯވޭ ގައުމީ ޓީމަށް ކުޅެންފެށި އޮޑެގާޑް މިހާތަނަށް ވަނީ ގައުމީ ޓީމަށް 53 މެޗު ކުޅެފައެވެ. އޭނާއަކީ މިހާތަނަށް ނޯވޭ ގައުމީ ޓީމަށް ވެސް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ނޯވޭ ޓީމަށް ކުޅުނު އިރު އުމުރަކީ 15 އަހަރާއި 253 ދުވަހެވެ.
އޮޑެގާޑް ރެއާލް މެޑްރިޑާއި ގުޅިފައި ވަނީ 2016 ވަނަ އަހަރު ނޯވޭގެ ކުލަބް ސްޓްރޯމްސްގޮޑެސްޓުންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ.
ރެއާލާއި ގުޅުމަށް ފަހު އޭނާއަށް އެ ޓީމުން ފުރުޞަތު ހޯދުންވީ އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެ ދުވަސްވަރު ރެއާލުގައި އޮތް ވަރުގަދަ ސްކޮޑުގެ ސަބަބުންނެވެ. ވުމާއިއެކު ރެއާލުން ވަނީ އޭނާ އާސެނަލްއަށް ލޯނަށް ދޫކޮށްލުމުގެ ކުރިން ވެސް ބައެއް ޓީމްތަކަށް ލޯން އުސޫލުން ދޫކޮށްފައެވެ.
އޮޑެގާޑް އެއްބަސްވުން އައުކުރުމުން ކޯޗް އާޓޭޓާ ބުނީ އޮޑެގާޑް ދިގު މުއްދަތެއްގައި އާސެނަލްގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކުރުމަކީ އާސެނަލްގެ ކޮންމެ މީހަކު ވެސް އުފާވާނެ ކަމެއް ކަމަށާއި، މިވަގުތު ޓީމްގެ ކެޕްޓަންގެ ގޮތުގައި ހުރި އޮޑެގާޑަކީ ޓީމްގެ އެންމެ ބޮޑު އިހުތިރާމެއް ލިބިގެންވާ ކުޅުންތެރިޔާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!