އެމަނިކުފާނާމެދު ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިރަށް މާލޭގައި ރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ، ބައެއް މީހުން އެމަނިކުފާނަށް ހިޔާނާތުގެ ތުހުމަތު ކުރެއްވި ނަމަވެސް ދައުލަތުގެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ، އެފަދަ ތުހުމަތެއް އެމަނިކުފާނުގެ މައްޗަށް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށާއި، މިއަދު ވެސް އަދި އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތުމުން އެކަން ބެލިނަމަވެސް މައްސަލައެއް ނެތްކަމަށެވެ. އަދި އެފަދަ ތުހުމަތެއް އޮތްނަމަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅަންވީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޔަގީން ކޮށް މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތު ކުރާނެ ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޞާލިޙްގެ ރޭގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ގެއްލިއްޖެނަމަ ރާއްޖެ ބަނގުރޫޓްވާ ތަން ފެނިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރަނީ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އަޅުވަމުން މިދަނީ ފައިސާ ފޮތީގެ ދެ ފުށް އޮންނަ ކަން އެނގިގެން،" ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!