ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނާއެކު ކުރިއަށް ދިއުމުގައި ގޮތެއް ނިންމުމަށް މުހުލަތެއް ދީ، އެއްބަސްވުމަކަށް ނާދެވޭ ނަމަ، އިންތިހާބުގައި ވަކި އަތަކަށް ނުޖެހެން ޑިމޮކްރެޓްސް އިން ފާސްކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ޝިފާޒް (ޝިއްޕެ) ހުށަހެޅުއްވި ގަރާރަކުން މިގޮތަށް ފާސްކުރީ އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ ތެރއެއިން، 50 މެންބަރުން ވޯޓު ދީގެންނެވެ. އެ ގަރާރުގައި ހިމެނެނީ މައިގަނޑު ތިން ނުކުތާއެކެވެ.
ގަރާރުގައި ވާގޮތުން ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއްބަސްވާނަމަ އެޕާޓީއިން އޮތީ ރައީސް އިބްރާހިމް މުހަންމަދު ސާލިހާއެކު އިންތިހާބުގައި ކުރިއަށް ދާގޮތަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގެ ހިއްސާ ޑިމޮކްރެޓްސްއަށް ލިބޭނެ ކަމަށް މި މަހުގެ 20 ކުރިން އެއްބަސްވާނަމަ އޮތީ ޑރ މުހައްމަދު މުއިއްޒުއާއެކު ކުރިއަށްދާ ގޮތަށެވެ.
ނަމަވެސް އެގޮތަށް އެ ދެފަރާތާއެކު ވެސް އެއްބަސް ނުވެވޭނަމަ ޑިމޮކްރެޓްސް އޮތީ ވަކި އަތަކަށް ނުޖެހޭ ގޮތަށެވެ.
ރޭ ބޭއްވި ޑިމޮކްރެޓްސްގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވިސްނުން ހުރީ އެމްޑީޕީ އަށް އެއްވެސް ގޮތަކަށް އިތުބާރު ނުކުރުމަށާއި، ދެވަނަ ބުރުގައި ވާދަ ކުރާ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމުމަށެވެ.
އެގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އެމްޑީޕީ ނުވަތަ ޕީޕީއެމް ފަހަތުން ދުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިތުރު ވަގުތުތަކެއް ބޭކާރު ނުކޮށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވާން ޖެހޭ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް ފަހު ނިޒާމީ ވޯޓެއް ނަގަން އޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ބައެއް މަސައްކަތްތައް ހާމަ ކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!