މިސްކިތަށް ދިޔަ މީހެއްގެ ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޏ. ފުވައްމުލަކު ބިއްދަރިގޭ އިބްރާހިމް އަހުމަދުގެ މައްޗަށް އެ ހުކުމް އައީ މާލޭގެ މަސްޖިދުލް އިބްރާހިމަށް މިދިޔަ އޭޕްރީލް މަހު އިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ އިއުތިރާފުން އެ ދައުވާ ސާބިތުވާ ކަމަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ދަށްކޮށް، އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މިސްކިތުން ފައިވާން ވަގަށް ނެގުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.