މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހއ. ބާރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން 'ތިލަދުން' އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ މި ހަރަކާތްތައް ފަށާފައިވަނީ އިއްޔެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކުގައި ކަމަށެވެ. އަދި އިއްޔެ ހެނދުނު 10 ޖެހިއިރު ދުވަހާއި ގުޅިގެން ހާއްސަ ޖަލްސާ އެއް ބާއްވަފައިވާ ކަމަށެވެ.

Ad
rt

މޫސުން ހުރިގޮތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މޫސުމަށް ބައްލަވައި، ސަގާފީ ހަރަކާތްތައް އިއްޔެ ހަވީރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލުން ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މިފަދަ ހަރަކާތްތައް ކުރުމަށް ކަލަންޑަރުގައި ހިމަނައި، އެކަމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން މި ހަރަކާތް ހިންގުމަށް ފަންސާސް ހާސް ރުފިޔާ ބާރަށު ކައުންސިލަށް ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

ސަރުކާރުން، ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އުތީމު ހަމަޖައްސަވާފައިވީނަމަވެސް ބާރަށުގައި ވެސް ކުލަގަދަކޮށް މި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމެވި ސަބަބަކީ އެރަށަކީ ވެސް ބޮޑުތަކުފާނުގެ ޖިހާދުގެ މުހިންމު ކަންކަން އަންގައިދޭ ބިނާ ތަކެއް ވެސް ހުރި ރަށަކަށްވުމާއި މިފަދަ ދުވަހެއްގައި އެ ރަށުގައި މިކަން ނުކޮށްފިނަމަ، ތާރީހުގައި އެކަން ލިޔެވި، ބާރަށުގެ ނަމަށް ކިލަނބުކަމެއް އައުމަކީ އެކަށީގެންވާ ކަމަކަށް ވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން ފަންޑު ދޭއިރު، މި ހަރަކާތްތައް ރާވައި، ހިންގީ އެރަށުގެ މުވައްސަސާތަކާއި ކުލަބު، ޖަމިއްޔާތައް ގުޅިގެންނެވެ.