ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަންކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ، އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުޢިއްޒު ރޭ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަންކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
''މީގެ އިތުރުން މީޑިއާތައް ހިންގައި މީހުން ތަމްރީން ކުރުމަށް އެކަށީގެންވާ ނިޒާމެއް ހަމަޖައްސައި މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދޭނަން" ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މުޢިއްޒު ވަނީ، ޕެންޝަން ފަންޑުގެ ޤާނޫނު ހެދިފައި އޮންނަ ގޮތުން މާބޮޑު ފައިދާއެއް ނުލިބޭކަން ފާހަގަކުރައްވައި، އެހެންކަމުން ޙައްޖަށް ދިއުމުގެ އިތުރަށް ޕެންޝަން ފަންޑުން އަމިއްލަ ގެދޮރު ބިނާކުރުމަށް، ދަރިން ކިޔަވަން ބޭރަށް ފޮނުވަން، އަމިއްލަ ވިޔަފާރި ކުރުމަށް ކޮންމެވެސް މިންވަރެއް ގެނައުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުން ކުރި ހޯއްދަވާފައިވާ ކެންޑިޑޭޓް ޑރ. މުޢިއްޒު އިއްޔެ ވަނީ ދެވަނަ ބުރުގެ ކެމްޕޭނަށް އަތޮޅުތަކަށް ދަތުރު ފައްޓަވާފައެވެ. މި ގޮތުން އޭނާ އިއްޔެ ފެއްޓެވި ދަތުރު ރެއާ ހަމައަށް ވަނީ 11 ރަށަކަށް ޒިޔާރަތް ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!