ޔޫއެފާ ޗެމްޕިއަންސް ލީގު: ލިވަޕޫލް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އަދި ރެއާލް މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް

E1410270-6DAA-4702-ACDA-320BD576E2C8

ޔޫރަޕްގެ ކުލަބް ފުޓުބޯޅައިގެ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމި ގަދަ 16 އަށް ދަތުރުކޮށްފައިވާ ޓީމުތަކުގެ މެދުގައި އިއްޔެ ވަނީ ގުރުއަތުލުން ބާއްވާފައެވެ.

ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ އިނގިރޭސި ވިލާތަށް ނިސްބަތްވާ ލިވަޕޫލް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ. ލިވަޕޫލް ވަނީ ހަ ފަހަރު ޖެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ސްޕެއިންގެ ރިއާލް މެޑްރިޑް ބައްދަލުކުރާނީ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއާއެވެ. ރިއާލް މެޑްރިޑް ވަނީ މިމުބާރާތް ޖުމްލަ 13 ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ ރިއާލް މެޑްރިޑްގެ ކޯޗް ޒިދާން އަދި ސިޓީގެ ކޯޗް ގާޑިއޯލާގެ ފުރަތަމަ ކުރިމަތިލުންކަންވެސް ފާހަގަކޮށްލެވެއެވެ. ޒިދާން ވަނީ ރިއާލް މެޑްރިޑާއިއެކު 2016 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން 3 އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ގާޑިއޯލާ ވަނީ ބާސެލޯނާއާއިއެކު 2009 އަދި 2011 ވަނަ އަހަރު ޗެމްޕިއަނސް ލީގު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ވިލާތުގެ ޗެލްސީ ގަދަ 16 ގައި ނުކުންނާނީ ޖަރުމަނުގެ ބަޔާން މިޔުނިކާއި ދެކޮޅަށެވެ. މި ދެޓީމް ވަނީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލުކޮށްފައެވެ. އެފަހަރު ޕެނެލްޓީ ޖަހައިގެން ޗެމްޕިއަންކަން ހޯދީ ޗެލްސީއެވެ. މިދިޔަ ސީޒަންގެ ރަނަރ އަޕް އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކޮޅަށް ނުކުންނާނީ ޖަރުމަނުގެ އާރްބީ ލިޕްޒިގްއާއެވެ.

ގަދަ 16 ގައި ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ އެހެން މެޗްތަކަށް ބަލާއިރު ސްޕެއިންގެ ބާސެލޯނާ އިޓަލީގެ ނަޕޯލީއާއި ދެކޮޅަށް ކުޅޭއިރު ޖަރުމަނުގެ ބޮރޯސިއާ ޑޯޓްމަންޑް އަދި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާނެއެވެ.

މިބުރުގެ ފުރަތަމަ ލެގްގެ ކުޅުން އަންނަ ފެބްރުއަރީ މަހުގެ 18،19،25 އަދި 26 ގައި ކުޅުމަށް ހަމަޖެހިފައި ވާއިރު ދެވަނަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 10،11،17 އަދި 18 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މޭ 30 ވަނަ ދުވަހު ތުރުކީގެ އިސްތަންބުލްހައެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

ލިވަޕޫލް - އެތުލެޓިކޯ މެޑްރިޑް

މެންޗެސްޓާ ސިޓީ - ރެއާލް މެޑްރިޑް

ޗެލްސީ - ބަޔާން މިއުނިކް

ނަޕޯލީ - ބާސެލޯނާ

ޓޮޓެންހަމް - އާރްބީ ލިޕްޒިގު

ޑޯޓްމަންޑް - ޕީއެސްޖީ

އެޓަލަންޓާ - ވެލެންސިއާ

ޔުވެންޓަސް - ލިޔޯން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *