ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސައިންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހދ. ވައިކަރަދޫ، ވައިޖެހިގޭ ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

Ad
rt

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.

ފާއިޒަކީ މިހާރުގެ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. އެމަނިކުފާނު މަގާމުން ވަކިކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު ސިޔާސީ މަގުސަދުތަކެއް ފުރިހަމަކުރުން މަގުސަދަކަށް ހަދައިގެން ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ. އުއްތަމަ ފަނޑިޔާރު ކަމުގެ އިތުރުން ފާއިޒް ވަނީ މަދަނީ ކޯޓުގެ ޤާޟީކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝޫޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.