ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ލީކު ވެއްޖެއެވެ.

އެ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމދު ވަނީ ލީކުވެފައިވާ ސިޓީ އަކީ ސައްހަ ސިޓީއެއް ކަމަށް ވިދާޅުވެފައެވެ.

Ad
rt

އެ ސިޓީ ލީކުވި ގޮތެއް ސާފުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސިޓީ އަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސް ކުރައްވާ ސާލިހު ފޮނުއްވި ސިޓީއެކެވެ.

އެ ސިޓީގައި އެ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ރުވާންޑާގެ ކިގާލީގައި އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމާއި ހަވާލާދެއްވާ، ޔޫއެންގެ އެޑްވައިޒަރީ އޮޕީނިއަންއާއި އެއްގޮތަށް ރާއްޖޭގެ ސްޓޭންޑް އެމައްސަލާގައި ބަދަލު ކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޔޫއެންގެ އެގަރާރަށް ރާއްޖެއިން ތާއީދުކޮށް ޔޫއެންގައި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

މީގެ އިތުރުން އިސްތިއުމާރީ ބާރުތަކާއި ދެކޮޅު ސިޔާސަތަށް ރާއްޖެއިން އަބަދު ވެސް ތާއީދު ކުރާ ސިޔާސަތެއް ކަމަށާއި، އެއީ އިންސާނީ ހައްގުތަކާއި އަމިއްލަ މިނިވަންކަމަށް ރާއްޖެއިން އަބަދު ވެސް އިހުތިރާމް ކުރާތީ ކަމަށް އެ ސިޓީގައި ވެއެވެ. އަދި ރާއްޖެއިން ފާއިތުވެދިޔަ ތަނުގައި ޔޫންއެންގައި އަދާކޮށްފައިވާ ދައުރަކީ މީގެ ހެއްކެއްކަމަށް ވެސް ވެއެވެ.

ސާލިހު ފޮނުއްވި ސިޓީގައި މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސް އިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި ރާއްޖެއިން ޖެނެރަލް އެސެމްބްލީގައި ދީފައިވާ ވޯޓުތަކުގައި ވެސް އޭގެ ތަފްސީލްތައް މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމާއެކު އެމައްސަލައަށް ހައްލެއް އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިނިންމުމުގެ ސަބަބުން، ރާއްޖެއިން ދަމަހައްޓަމުން އަންނަ "ޑިކޮނޮލައިޒޭޝަން" އާއި ދެކޮޅު ސިޔާސަތަށް އިތުރަށް ބާރު ލިބިދީ، މޮރިޝަސްއާއި ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ޕޮޒިޝަނަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމަށާއި، 2010 ވަނަ އަހަރު ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް" ހުށަހަޅާފައިވާ ހުށަހަހެޅުމަށް ވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޔޫއެންގައި ރާއްޖެއިން ދޭ ވޯޓުގައި މި ތަފްސީލުތައް މިގޮތުގެ މަތިން ހާމަކުރައްވާނެކަމަ ށްވެސް ރައީސްގެ އެ ސިޓީގައި ފާހަގަ ކުރައްވާފައި ވެއެވެ.

އެ ސިޓީގައި މިއީ މީގެ ކުރިން މި މައްސަލާގައި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުކަން ފާހަގަ ކުރައްވާފައިވާއިރު، އެގޮތުން ސަރުކާރުން މިހައިތަނަށް ބުނަމުން އައިސްފައިވަނީ ސަރުކާރުން މި ސިޓީ އާންމު ކޮށްފައި ނުވަނީ، ދޭދޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބަދަލުކުރެވޭ މިފަދަ ސިޓީތައް އާންމުކޮށް "ޕަބްލި ޑޮމެއިން"އަށް ލުމަކީ ޑިޕްލޮމަސީއާއި ޚިލާފު، އަދި ކުރިޔަށް އޮތް ތަނުގައި ގައުމަތަކުގެ ވެރިންނާއެކީ ރާއްޖެއިން ދަމަހައްޓަންޖެހޭ މުއާމަލާތުތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަކަށް ވާތީ ކަމުގައެވެ.