ސިޔާސީ ބޮޑު ނިންމުމަށް، ރައްޔިތުންގެ ފަހުބަސް

maldives vote

ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުގެ ވޯޓްލުން މާދަމާ އޮންނާނެއެވެ. ޖުމްލަ 8 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރާއިރު، އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ވާދަވެރިކަން ވަކިން ބޮޑެވެ. އިންތިހާބުގެ ޔަގީންކަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެބަ އޮތެވެ. އެހެންކަމުން އެއްބުރުން އިންތިހާބު ކަށަވަރު ކުރުމަކީ ހުރިހާ ކެންޑިޑޭޓުން ވެސް އަމާޒެކެވެ.

މިއަދު ހަވީރަކީ ރާއްޖޭގެ ހުރިހާ ސަރައްދަކަށް ސިޔާސީ ބޮޑު ހަވީރެކެވެ. ގިނަ ބަޔަކު ނުކުމެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އިރުއޮއްސި ހައެއް ޖެހުމާއެކު މިހާރުވަނީ ރަސްމީކޮން ކެމްޕެއިން ކުރުން ހުއްޓާލާފައެވެ. ޖަގަހަތަކުން ވެސް ކެމްޕެއިން ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް ކެންޑިޑޭޓުންގެ ސަޕޯޓަރުން ސޯޝަލް މީޑިޔާގެ ޕްލެޓް ފޯމްތަކުގައި ދަނީ އިންތިހާބުގެ އެންމެ ފަހު ބަސް ބުނަމުންނެވެ. ކެންޑިޑޭޓުންނަށް ވޯޓްލާން ޖެހޭ ސަބުބުތައް ހާމަ ކުރަމުންނެވެ. ވޯޓާ ގުޅޭ އެކިއެކި ޟުޢޫރުތައް ފާޅު ކުރަމުންނެވެ.

"ހަނދާނުން އަދި ފިލައިގެން ނުދާނެ ހަގީގަތަކީ ކޮވިޑްގެ ނާމާން ދުވަސް ވަރު، ރައީސް އިބޫގެ މިދައުރުގައި އިގްތިސާދީ އަނދަވަޅުގައި، ނަމަވެސް އެ ހާލަތުން މި ގައުމާއި ރައްޔިތުން ސަލާމަތްކޮށް ކޮޅަށް ޖެހި، ރައީސް އިބޫ އަށް ދެވަނަ ދައުރެއް ހައްގު" ރައީސް ސޯލިހަށް ތާއީދު ކުރާ މީހަކު ބުންޏެވެ.

"އަޅުގަނޑުގެ ހުރިހާ އެކުވެރިން، ދިވެހި އެންމެހާ މުސްލިމުން ދިވެހި ޤައުމާއި ދީނުގެ ހައްޤުގައި، މި އަނިޔާވެރި ރިޝްވަތާއި ކަރަފްޝަނުގެ ހާލިން މިންޖުވެ އަމިއްލަ ސިކުޑިންވިސްނަވާ މިފަހަރު އިންތިހާބުގައި ވޯޓް ދެއްވާ. އަޅުގަނޑު އެދެނީ ތި ހުރިހާ ބޭފުޅުން ޤައުމިއްޔަތު އިސްކުރައްވާ ޑޮކްޓަރ މުޢިއްޒު، ނަންބަރ 4 ވޯޓް ދެއްވުން. އަންޝާﷲ ކާމިޔާބުވާނެ" މުއިއްޒުއަށް ތާއީދު ކުރާ މީހަކު ބުންޏެވެ.

"އެ މީހަކު ބޭނުން މީހަކަށް އެ މީހަކު ވޯޓުލާންވީއެވެ. އެހެންމީހުން ވޯޓުލަނީ ކާކަށްތޯ ބަލާކަށް ނުޖެހެއެވެ. އަދި ތިމާ ވޯޓުލާ މީހަކު ބުނެ އަންގާކަށް ވެސް ނުޖެހެއެވެ. ތިމާ ނޭދޭ މީހާއަށް ވޯޓުލާ މީހާއަކީ ޣައްދާރެއް ކަމަށް ނަދާށެވެ. އަނެކާއަށް ތެދު މަގުދައްކާވާތޯ ދުއާ ކުރުމުގެ ކުރިން ތިމާއަށް ތެދުމަގު ދައްކަވާތޯ ދުޢާ ކުރަންވީއެވެ." ވޯޓާއި ގުޅޭ ގޮތުން މިހަކު ހިޔާލު ފާޅު ކުރަމުން ބުޏެވެ.

"ވެރިކަންތައް ފެނިއްޖެ، ރައްޔިތުން އުޅުނު ގޮތް ފެނިއްޖެ، ވަކިވަކި އެންމެ ރައްޔިތުންގެ ފާގަތި ދުވަސްތަކެއްގެ އުންމީދު ކުރެވޭ ހާލު، އާޢިލާތަކަށް އުޖާލާ ފާގަތި ދުވަސްތަކެއްގެ އުންމިދު ބޮޑުކަމުން، މި ފަހަރު ގާސިމް ހިޔާރުކުރައްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ޖުމްހޫރީޕާޓީގެ ސަޕޯޓަރަކު ބުންޏެވެ.

"ސިޔާސަތަށް ބަލާފަ ވޯޓް ދެންޏާ ދޭންވީ ޑިމޮކްރެޓްސްއަށް. ވަރަށް ގިނަ ހެޔޮ ބަދަލުތައް ރާއްޖެއަށް ގެނައި ސިޔާސަތުތައް ރޭވި ޓީމް އޮތީ ޑިމޮކްރެޓްސްގަ. އާސަންދަ. އިޖްތިމާއީ ރައްކާތެރިކަން. ނިޒާމީ ހެޔޮ ބަދަލުތައް ޑިމޮކްރެޓްސް އަކީ އެ ފިކުރު. ރާއްޖެއަށް ހެޔޮ ބަދަލު ގެނެސްދިން ފިކުރު" އިލިޔާސް ލަބީބްގެ ސަޕޯޓަރަކު ބުންޏެވެ.

"މާދަމާ 9 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހު މިސަރުކާރު ނިމުމަކަށް ގެންނާނެ" ސަރުކާރާ ދެކޮޅު މީހަކު ހިޔާލު ފާޅުކުރަމުން ބުންޏެވެ.

މި ބޮޑު އިންތިހާބުގެ ވޯޓުލުން މާދަމާ ފެށޭނެއެވެ. އަމާންކަމާއެކު ވޯޓުލުން ކުރިއަށް ގޮސްފިނަމަ ހޮނިހިރު ދުވަހުގެ ރޭ ވޯޓުގެ ވަގުތީ ނަތީޖާ ހަމަވާނެއެވެ. އޮތީ ވެރިކަން ދިފާއު ކުރުމެވެ. ނުވަތަ ވެރިކަން ބަދަލު ވުމެވެ. އެހެންނޫނީ ދެވަނަ ބުރަކުން ސާފު ނަތީޖާއަކަށް ދިއުމެވެ. ކޮންމެއަކަސް މާދަމަކީ ސިޔާސީ ބޮޑު ދުވަހެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *