މި ސަރުކާރުން ތަރައްޤީ ކުރާ ހަނިމައިދޫ އިންޓަނެޝަނަލް އެއަރޕޯޓާއި، ރައީސް ޔާމިންގެ މެނިފެސްޓޯގައި ހިމެނޭ އިހަވަންދިއްޕޮޅު ޓްރާންޝިޕް ބަނދަރުގެ ބޮޑު މަޝްރޫއަކީ ވަރަށް މުހުންމު ބޭނުންތެރިކަމެއް ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތިލަދުންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ މި ވަގުތަށް އެއަރޕޯޓްގެ ތަފްސީލު މަޢުލޫމާތު ނޭނގުނު ނަމަވެސް، ޔަގީނުން ވެސް އެއީ ވަރަށް ބޭނުންތެރި މުހިންމު މަޝްރޫއެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ހަނިމައިދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓެގެ މަޝްރޫއު ހުއްޓާ ނުލާނެ ކަމުގެ ޔަޤީން މުއިއްޒު ވަނީ ދެއްވާފައެވެ.

Ad
rt

"ޔަގީނުންވެސް ވަރަށް މުހިންމު މަޝްރޫއެއް އެއީ، އަޅުގަނޑުމެންނަށް ނިސްބަތްކޮށް އެބަ ބުނޭ، އަޅުގަނޑުމެން ވެރިކަމަށް އައިސްފިއްޔާ އެއަރޕޯޓް މަޝްރޫއު ހުއްޓާލާނޭ، އެއީކީ އެއްގޮތަކަށްވެސް ހަޤީގަތެއްނޫނޭ، ހަނިމައިދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހަމަ ބާރުސްޕީޓްގައި ކުރިއަށް ގެންގޮސް ނިންމައިދޭނަށް" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް މުއިއްޒު ވިދާޅުވީ ސުވާލު އުފެދޭ އެގްރިމަންޓްތައް ބަލާނެކަމަށާއި، ބަދަލު ގެންނަން ޖެހޭކަމެއް އޮތްނަމަ، އެ ބަދަލުތައް ގެންނަވާނެކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ އެގްރިމެންޓެއް ކެންޝަލް ކުރުން ކަމުގައި ވާނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ހަމައެހެންމެ އިހަވަންދިޕޮޅު ޓްރާންޝިޕް ބަނދަރާއި، ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެއީ އުތުރުގެ އިޤްދިސާދަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި، ހާރިޖީ ސިޔާސަތުގެ ތެރެއިން މަޝްވަރާ ކުރެވިގެން އެކަން ހަޤީގަތަކަށް ހައްދަވާނެ ކަމަށެވެ.

"ވަރަށް މުހިންމު މަޝްރޫއެއް އެއީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެކަމަށް ހާރިޖީގޮތުން އައި އެކި ކަހަލަ ގޮންޖެހުންތައް، އަޅުގަނޑުމެން އެކަން ކުރަން ވިސްނާ ވަހަކަ އޮންނާނީ އިޢުލާންވެސް ކޮށްފައި." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ތިލަދުންމަތީ ސަރައްދުގައި އެކަށީގެންވާ ވަރާއި ގާތަށް ވެސް، ރިސޯޓްތައް ނެތްކަމަށާއި، އެ އިންޑަސްޓްރީ އެ ސަރަހައްދަށް ވަރަށް މުހިންމު ކަމަށެވެ. އަދި އެ ސަރަހައްދުގައި މަސްވެރިކަން ތަރައްޤީ ކުރަން، ކުރަންޖެހޭ މަސައްކަތްތައް ވެސް އެބަ ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަދުންމަތީ ރައްޔިތުންނަކީ އިޤްދިސާދީ ގޮތުން ބާރުވެރި ބަޔަކަށް ވާން ޖެހޭކަމަށާއި، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތްތައްވެސް ފައިވާން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މަސްވެރިކަމާއި، ޓުއަރިޒަމާއި، ޓްރާންޝިޕް ބަނދަރާއި، މިހުރިހާ ކަމެއް އެކުލެވިގެން، އުތުރަށް ތަރައްޤީގެ ބޮޑެތި ކުރިއެރުންތައް އަންނާނެ." މުއްއިޒު ވިދާޅުވިއެވެ.