ވޯލްޑް ކަޕް 2026، ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން މެޗުތައް ރޭ ފަށާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި އިކުއެޑޯއަތުން މޮޅުވެއްޖެއެވެ.

ރޭ އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ އާޖެންޓީނާއިން ވަނީ 1-0 ގެ ނަތީޖާއިން އިކުއެޑޯ ބަލިކޮށްފައެވެ.

Ad
rt

މުޅި މެޗު ކޮންޓްރޯލް ކޮށްގެން އާޖެންޓީނާއިން ކުޅުނު ނަމަވެސް އިކުއެޑޯއިން ވަނީ ރަނގަޅު ޑިފެންސެއްކޮށް މެޗުގެ ފަހު ބާރަ މިނެޓާ ހިސާބަށް އާޖެންޓީނާ ހުއްޓުވާފައެވެ.

މެޗުގައި އާޖެންޓީނާ މޮޅުވީ، 78 ވަނަ މިނެޓުގައި އިކުއެޑޯގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ކޮލަމްބިއާ ވަނީ 1-0 ގެ ނަތީޖާއިން ވެނެޒުއޭލާ ބަލިކޮށްފައެވެ. ޕެރެގުއޭއާއި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ.

މިހާރު ކުރިއަށްމިދާ އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާ އަދި ކޮލިފައިން އެއް މެޗު ކުޅޭނެއެވެ. އެ މެޗުގައި މިމަހު 13 ވަނަ ދުވަހު އާޖެންޓީނާ ނުކުންނާނީ ޕެރަގުއޭއާއި ދެކޮޅަށެވެ.