މިހާތަނަށް އައިއިރު ރާއްޖޭގެ އިގުތިސޯދު އޮތީ ވަކި ފަރާތަކުން އުފުލި، ދެކޮޅަށް ތިރިވެފައި ކަމަށާއި ނަމަވެސް، އެކަން ބަދަލުކޮށް އިގްތިސާދު މުޅި ރާއްޖެއަށް ހަމަހަމަ ކުރަމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އައްޑޫ"ގެ ނަމުގައި ރޭ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ފައިދާ އެންމެ އިންސާފުވެރި ގޮތަށް ލިބޭނީ ރާއްޖޭގެ އިގްދިސާދު ހަމަހަމަ ކުރެވިގެން ކަމަށާއި، ސަރުކާރުން އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އައްޑޫ ތަރައްގީ ކުރާނީ މައި ހަބެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަނީ ހަމަހަމަ ކުރަމުން. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން، ކުޅުދުއްފުއްޓަށް އެ އަންނަނީ ބޮޑު ބަދަލެއް، ތިނަދޫއަށް ބޮޑު ބަދަލެއް، ވިލިނގިއްޔަށް ބޮޑު މަޝްރޫއުއެއް. އައްޑޫއަށް މިއިން ޒަމާނަކު ނާންނަ ތަރައްގީ މި ލިބެނީ. އޭރަށް އަސްލު ތަރައްގީ ލިބޭނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވަރަށް ތާރީހީ އަދި ބުރަ މަސައްކަތެއް ކުރި ރައްޔިތުންތަކެއް ތިބި ތަނެއް ކަމަށާއި އަދި އެ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު އައްޑު އަށް ފެންނަމުންދާ ކަމަށެވެ. އަދި އިންތިހާބުން މޮޅުވުމަށް ސީލްކޮށް ތައްގަނޑު ޖަހާނެ ތަނަކީ އައްޑޫ ކަމަށާ އެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

Ad
rt

"އަޅުގަނޑުމެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މި ފެންނަނީ. އޭރު އިންދި ގަހުގެ ހިޔަލަށް މޭވާ އަޅާ ދޮންވެ ފައްކާވާ ތަން މި ފެންނަނީ. އަޅުގަނޑުމެންގެ ދެން އަންނަ ދައުރަކީ އައްޑޫއިން މޭވާ ބިންނާނެ މޫސުން" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ. ރައީސް އައްޑޫއަށް ވަޑާއިގަތުމުން ރޭ ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.