ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނަޔަށް އެރުމަށް ލިބުނު ފުރުސަތު ރިއާލް މެޑްރިޑުން ބޭކާރުކޮށްލައިފިއެވެ. ރޭގެ މެޗާއި ރިއާލްއިން ކުރިމަތިލިއިރު ރޭގެ މެޗުން މޮޅުވެގެން ލީގު ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތީ ރިއާލްއަށް ތަނަވަސްވެފައެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހު ވާދަވެރި ބާސެލޯނާ ރިއަލް ސޮސިޑާޑްއާއި ބައްދަކުރި މެޗް އެއްވަރުވުމާއި ގުޅިގެންނެވެ.
ލަލީގާގައި ރޭ ރިއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗް ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ވެލެންސިއާއިންނެވެ. ވެލެންސިއާގެ ގޯލް 78 މިނިޓްގައި ކާމިޔާބުކޮށްދިނީ ކާލޮސް ސޮލަރއެވެ. ވެލެންސިއާއިން ލީޑުގައިއޮވެ މެޗް ނިމެންދަނިކޮށް ރިއާލެ މެޑްރިޑަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކަރީމް ބެންޒެމާއެވެ. މިއީ ލަލީގާގައި ބެންޒެމާ ކާމިޔާބުކުރި 12 ވަނަ ގޯލެވެ.
ހޮނިހިރު ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާއި ރިއަލް ސޮސިޑާޑް ބައްދަލުކުރި މެޗްވެސް ވަނީ 2-2 އިން އެއްވަރުވެފައެވެ. ބާސެލޯނާގެ ގޯލްތައް ކާމިޔާބުކޮށްދިނީ ގްރީޒްމަން އަދި ސުއަރޭޒްއެވެ. ސޮސިޑާޑްގެ ފުރަތަމަ ގޯލް ލިބުނު ޕެނެލްޓީއަކުން މިކެލް ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އިސާކްއެވެ.
ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލާއިރު އެއްވަނއިގައި އޮތް ބާސެލޯނާ އަދި ދެވނައިގައި އޮތް ރިއާލް މެޑްރިޑަށް 35 ޕޮއިންޓް ލިބިފައި ވާއިރު ބާސެލޯނާއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި 31 ޕޮއިންޓައި އެކު ސެވިއްޔާ އޮތްއިރު ހަތަރު ވަނައިގައި ގެޓާފޭ އޮތީ 30 ޕޮއިންޓާއިއެކުއެވެ.
ލަލީގާގައި ބާސެލޯނާ އަދި ރިއާލް މެޑްރިޑަށްވެސް ކުރިއަށް އޮތީ މިދެޓީމް ބައްދަލުކުރާ މަޝްހޫރު އަދި ފޯރިގަދަ އެލްކްލެސިކޯއެވެ. މިމަހުގެ 19 ވަނަ ދުވަހު އެލްކްލެސިކޯ އޮންނައިރު މޮޅުވާ ޓީމަކަށް ތާވަލްގެ އެއްވަނަ ލިބޭނެއެވެ. އެލްކްލެސިކޯގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 19 ވަނަ ދުވަހުގެ 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!