މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރާއްޖޭގެ ދީނީ އިލްމުވެރިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި އަދާލަތު ޕާޓީގެ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ، ޑރ. މުހައްމަދު އިޔާޒާއި ޝައިހު އިލްޔާސް ހުސެއިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޝައިހު ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރައީސް ސާލިހު ވަނީ ތަފާތު ސިޔާސީ ހިޔާލުތަކުގެ މީހުންނާއެކު އެއްވެސް ކަހަލަ ހަލަބޮލިކަމެއް ނެތި ރާއްޖެ ދެމެހެއްޓުމުގައި ކާމިޔާބު ހޯއްދަވާފައި ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އަމާންކަމާއި އޯގާވެރިކަމާއި އިހްލާސްތެރިކަމާއި މިފަދަ ރަނގަޅު ސިފަތަކެއް ކަމަށެވެ.
މީގެ އިތުރުން ސާލިހަކީ ވަރަށް ހިތްޕުޅު ތިރި ތައާޟުއުވެރި އޯގާވެރި، ރަހުމަތްތެރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ދީނީ އިލްމުވެރިންގެ އަޑު ރައީސް އައްސަވާ ކަމަށާއި އިލްމުވެރިން ކަމަކާ މެދު ކަންބޮޑުވެގެން މަޝްވަރާކޮށްފިނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށެވެ.
އެގޮތުން އޭނާ ވަނީ ސްކޫލު ކުދިންގެ މޫނު ބުރުގާގެ މައްސަލައިގައި ވެސް ދީނީ އިލްމުވެރިން އެދުނު ގޮތަށް "އަކުރުން އަކުރަށް" މައްސަލަ ހައްލުކޮށްދެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ނަފްރަތުގެ ބިލުގެ މައްސަލަ އާއި އެމްޑީއެން ޖަމިއްޔާ އުވާލުމުގައި ވެސް ސާލިހު އަމަލުކުރެއްވި ގޮތް ވަނީ ފާހަގަކުރައްވާފައެވެ.
ސާލިހު ގެ ވެރިކަމުގައި އަޑު އެއްސެވީ ސަރުކާރަށް ތާއީދު ކުރާ އިލްމުވެރިންގެ ވާހަކަތައް އެކަނި ނޫން ކަމަށާއި ސަރުކާރަށް ފާޑުވިދާޅުވި އިލްމުވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ޝައިހް އިލްޔާސް ހުސެއިން ވިދާޅުވީ، ރައީސް ސާލިހަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ހިލާފަށް ރުޅި އިސްކުރައްވައި ރުންކުރު ނިންމުންތަކެއް ނިންމަވާ ބޭފުޅެއް ނޫން ކަމަށާއި މީހުން ހިފައި ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކަށް އެމަނިކުފާނު ޖާގަ ދެއްވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ވިއްސަކަށް އިލްމުވެރިންގެ އިތުރުން ވެސް ރައީސަށް ގިނަ އަދަދެއްގެ އިލްމުވެރިން ތާއީދު ކުރާ ކަމަށް އެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.
ރައީސް ސޯލިހަށް ދީނީ އިލްމުވެރިންގެ ތާއީދު އޮތްކަން މިއަދު ދައްކައިލީ، ދީނީ އިލްމުވެރިންގެ ވައިބާ ގްރޫޕެއްގައި ނެގި ވޯޓެއްގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަމަށް ހަބަރު ފެތުރިފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!