ފާއިތުވި 5 އަހަރު ޖަހާފައިވާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ، ރައީސް ސާލިހު މައާފުކޮށްދެއްވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ތަފާތު އެކި ސަބަބުތަކަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.

Ad
rt

އޭގެ ތެރޭގައި، މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިޔުން ހިމެނެއެވެ.

މީގެ އިތުރުން ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުން ވެސް ހިމެނެއެވެ.

ހަމަމިއާއެކު ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދިއުމާއި މިކަން މިގޮތަށް ހިނގަމުންދާކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެއްވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.

ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބިކަމަށާއި، އެކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ތެރޭގައި ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެގޮތް ވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

މިގޮތުން ވަކި ހާލަތަށް ރިއާޔަތްކޮށް ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެ ތެރޭގައ، ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއި، އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން )ލައިސަންސް ނެތި ދުއްވުން( ވެސް ހިމެނެއެވެ• އަދި މީގެ އިތުރުން ވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމުން މަޢާފުކުރެވޭ ކަންކަން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. މި ޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށް ކަމުގައިވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެކަމުގައިވެސް ބުނެފައިވެއެވެ.