ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް އެންމެ ވަރުގަދަ ތަސައްވުރެއް އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އެކަނި ކަމަށް ގާސިމްގެ ރަނިންމޭޓު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

އެކިއެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

Ad
rt

އައްޑޫ ސިޓީގައި ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާގައި އަމީން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވަން ޖެހެނީ ތަރައްގީގެ އެޖެންޑާ ހިފައިގެން އައި ކެންޑިޑޭޓަކަށް ކަމަށާއި އެ އެޖެންޑާ ހިފައިގެން އައީ ގާސިމް ކަމަށެވެ. ގާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ގައުމަށް ވަރަށް ބޮޑު ތަސައްވުރެއް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެންމެ ފަހުން ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ގައުމުގެ ދަރަނި އަދާކުރަން އެއްވެސް ބޭފުޅެއްގެ ވަރުގަދަ ތަސައްވުރެއް ގާސިމް ފިޔަވައި ނެތް ކަމަށެވެ. ގާސިމްގެ އަމާޒަކީ ދަރަނި އަދާކުރަން 600 މިލިއަން ޑޮލަރުގެ ހިލޭ ހޯދުން ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްގައި ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމާއި، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން އިސްރާފުތައް ކުޑަކުރަން ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. ދައުލަތުން މިހާތަނަށް ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް އޭގެ ބޮޑު ބައެއް ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެއް ބިލިއަން ޑޮލަރުގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އެކަން މިހާރު ވެސް އަޅުގަނޑު ވާނީ ޔަގީން ކޮށްފައި،" ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ވެރިކަމެއްގައި އިތުރު ޓެކްސްތައް ނެގުމުގެ ވިސްނުން ގެންގުޅެންތޯ އެހުމުން ގާސިމް ވިދާޅުވީ އިތުރު ޓެކުހެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެކަމަކު، މިހާރު ހުރި ޓެކްސްތައް ހާމަނައިޒްކޮށް، ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.