ހއ. ދިއްދޫ ކައުންސިލައި ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފިއެވެ.
އެރަށު ކައުންސިލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކައުންސިލާއި ކައުންސިލުގެ މެމްބަރުންނަކީ ސަރުކާރަށް އެއްބާރުލުން ނުދޭ ބައެއްކަން ސިފަވާގޮތަށް ކައުންސިލުގެ އަގު ވައްޓާލައި، ކައުންސިލާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން އަންނަކަަމަށެވެ. އަދި މިގޮތަށް ވާހަކަތައް ފަތުރަމުން ގެންދަނީ ދިއްދޫ އަށް ހެޔޮގޮތް ނޭދޭ، އަމިއްލަ އެދުމުން ފޯވެފައިވާ މަދު ބައެއް ކަމަށެވެ.
އެރަށު ކައުންސިލުން ވިދާޅުވީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އާންމުކުރަމުންދާ މައުލޫމާތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ އިތުރުން އެރަށު ކައުންސިލުގައި މިވަގުތު 7 މެމްބަރުންނަކީ ރަަށަށް އަންނަކޮންމެ ކުރިއެރުމަކަށް ވެސް އަބަދު ވެސް މަރުހަބާ ކިޔަމުންދާ ބައެއް ކަމަށާއި 17 މެއި 2021 އިން ފެށިގެން ކައުންސިލުގެ 4 ވަނަ ދައުރު ފެށުނުފަހުން ދިއްދޫ އަށް ސަރުކާރުން ކޮށްދިނުމަށް ނިންމާފައުވާ އެއްވެސް ޕްރޮޖެކްޓަކަށް ދަތިކޮށް، ކައުންސިލުން ހުރަސްއަޅާފައި ނުވާ ކަމީ މިކަމުގެ ހެއްކެއް ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރައީސް ސާލިހު، އެރަށަށް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކޮންމެކަމެއް އޭގެ އެންމެފުރިހަމަ ގޮތުގައި ހާސިލުކުރުމަށް އެ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބިމެއް ހަމަޖައްސައި ދިނުމަށް ހެލްތު މިނިސްޓްރީން އެދިލެއްވުމުން 2019 ވަނަ އަހަރުގެ ތެރޭގައި އެ މިނިސްޓްރީން އެދިލެއްވި ވަރުގެ ބިމެއް ހަމަޖައްސައިދީ، ބިމުގެ ރަޖިސްޓްރީ އެ މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހައިތަނަށް ވެސް އެއެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށިފައި ނުވުމަކީ ކައުންސިލުގެ ނުހަނު ކަންބޮޑުވުމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު ޖޫނިއާ ކޮލެޖެއް އެޅުމަށާއި އިސްލާމިކް ސެންޓަރެއް އެޅުމަށާއި އައިސްޕްލާންޓެއް އެޅުމަށް ބޭނުންވާ ބިން ހަމަަޖައްސައިދިނުމަށް އެ ވުޒާރާތަކުން އެދިލެއްވުމުން އެކަން ވެސް ހަމަޖައްސައިދީފައިވާ ކަމަށް ދިއްދޫ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ އެރަށުގައި ފެރީ ޓާމިނަލެއް އެޅުމަށް ބިން ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިލެއްވުމުން، އެ މިނިސްޓްރީން އެދިލެއްވިގޮތަށް އެ ބިން ހަމަޖެއްސުމުން ބައެއް ރައްޔިތުންގެ ނުރުހުން ކައުންސިލަށް ކައުންސިލަށް ލިބެމުންދިޔަނަަމަވެސް އެ މަޝްރޫއު ލަސްވިޔަނުދިނުމަށް އެ މިނިސްޓްރީން އެދިލެއްވިގޮތަށް ރަށުގެ ބަނދަރު މަގު ބަންދުކޮށް، ބިން ހަމަޖަައްސައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން ބިން ހިއްްކުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ ދެ ކޮންސެޕްޓާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު، ރައްޔިތުން ބޭނުންވާ ކޮންސެޕްޓް ކައުންސިލުން ފާސްކޮށް ޕްލޭނިން މިނިސްޓްރީ އަށް ފޮނުވާފައިވާނީ އެ ފަރާތުން އެދިލެއްވި ތާރީހަށް ވުރެ ވެސް ކުރިން ކަމަށާއި އަދި އައު އިންޖީނުގެ އެޅުމަށާއި ކަރަންޓު ވިއުގަ ރަނގަޅު ކުރުމަށް ޓްރާންސްފޯމާތަކެއް ބެހެއްޓުމަށް 4 ބިމެއް ހަމަޖައްސައިދިނުމަށް ފެނަކަ ކޯޕަރޭޝަނުން އެދިލެއްވުމުން އެކަން ވެސް ހަމަޖައްސައިދެއްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވީ އެރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ސައިޓެއް ހަމަޖެއްސުމަށް އެމްޓީސީސީ އިން އެދިލައްވާފައިވާތީ ސައިޓު ހަމަޖައްސައި، އެފަރާތުން ބޭނުންވި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީ އިން ކުރަހާފައިވާ ކުރެހުންތައް އެފަރާތުން އެދިލެއްވިގޮތަށް ކައުންސިލުން އެޕްރޫވްކޮށް، އާރްޑީސީ އިން އެދިލެއްވިވަރުގެ ސައިޓެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މަގުތަކުގެ އިންތައް ވަކިކުރުމަށް އާރްޑީސީ އިން އެދިލެއްވި ކޮންމެ ފަހަރަކު ވެސް ކައުންސިލުގެ މުވައްޒަފުން ނުކުމެ، އެފަރާތުން އެދިލެއްވި ކޮންމެކަމެއް ކޮށްދީފައިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އާރްޓީއެލް ގެ ހިދުމަތް އިފްތިތާހު ކުރުމަށް ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ބޭއްވުމަށް ކައުންސިލުގެ އެހީތެރިކަމަށް އެދުމުން ފުރިހަމަ އެއްބާރުލުމާއި ފެންވަރު ރަނގަޅު ބޮޑު ޖަލްސާއެއް ދިއްދޫ ގައި ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ވިދާޅުވެއެވެ.
ހަމަމިއާއެކު ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ހިދުމަތް ފެށުމަށް އެ ހޮސްޕިޓަލުގައި ޖާގަ ނެތުމުން އެ ހޮސްޕިޓަލުގެ ތެރޭގައި ހުރި އެސްޓީއޯ ބޭސްފިހާރަ އެހެންތަނަަކށް ބަދަލުކުރުމުގެ ގޮތުން ދިއްދޫ ކައުންސިލުގެ ފައިލް ގުދަނުގައި ހުރި ހަރުތައް ކޮށާލައި، އެތަް ހުސްކޮށް އެސްޓީއޯ އާ އެ އިމާރާތް ހަވާލުކޮށްފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ވެސް ރަށުގެ ތަރައްގީ އަށް ކުރަމުން އަންނަ ހުރިހައި ކަމެއްގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ އެ ބަޔާނުގައި ވަނީ ސަރުކާރުގެ އިދާރާތަކުން އެދިލައްވާ ކޮންމެ ކަމެއް ފަސްކުރުމެއް ނެތި ކައުންސިލުން ނިންމާފައިވާނެ ކަމަށެވެ. އަދި މިއިން ކޮންމެ ކަމަަކީ ވެސް ދިއްދޫގެ ރައްޔިތުންގެ ހައްގުގައި ކައުންސިލުން ކުރަމުންދާ ކަންކަން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މުސްތަގުބަލުގައި ވެސް އެގޮތުގައި ތިބޭނެކަމުގެ ޔަގީންކަން ދެއްވާ ދިއްދޫ ކައުންސިލުން ވަނީ އެ ކައުންސިލު ބަދުނާމުވާގޮތަށް ދޮގު ޚަބަރުތައް ފަތުރާ ފަރާތްތަކުން ވެސް އެފަރާތްތަކުން ފިތުނަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!