ވެރިކަމަށް ވަޑައިގެންފި ނަމަ، ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އިއްޔެ ބ. އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށާއި، އެގޮތުން ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު އޮފީސްތައް އެއްކޮށް ބަންދު ކުރައްވާނެކަމަށެވެ. އަދި ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަށާއި ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް އޭނާ ވިދާޅުވިއެވެ.

Ad
rt

"އަޅުގަނޑުމެން ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށާއި، އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ވެރިކަމަށް އަންނަން ޖެހޭނީ ރައްޔިތުންގެ ބޭނުންތައް އިހްސާސްވާ ބައެއްކަމަށާއި، ރައްޔިތުންނަށް ރަނގަޅު ކަންކަން ކޮށްދެވޭނީ އޭރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑް އަށަކުން ދަށުގެ ކުދީނަށް ކިޔެވުން ބަންދު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އިސްލާމީ ގައުމުތަކާއި މެދު އޮތް ގުޅުން މިހާރު ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށާއި، ގުޅުން އަކުން ބަދަހި ކުރައްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.