ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވައި، އެއީ ސިޓީއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.

Ad
rt

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ގދ. ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފި." މިއުވާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހު އެރަށަށް މިއަަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެންނެވެ.

މިއަހަރުގެ ޖެނުއަރީ މަހު 22 ވަނަ ދުވަހު ތިނަދޫގައި އެމްޑީޕީ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސާލިހު ވިދާޅުވެފައިވަނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ލަސްތަކެއް ނުވެ ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ރަށަކަށް ސިޓީއެއް ކަމުގައި ކަނޑައަޅަނީ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށްވުރެ ދަށްނުވުމާއި ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށަކަށް ވާނަމައެވެ. އަދި ޓަރޝަރީ ހޮސްޕިޓަލަކާއި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައި ހުންނަނަމައެވެ.

މީގެ އުތުރުން ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހައި ރަށެއް، ސަރުކާރުގެ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުމާއި ސިޓީގައި ކޮމާޝަލް ހާބާއެއްގެ ހިދުމަތް ލިބެންހުރުމާއި ބޭންކެއްގެ ހިދުމަތް ވެސް ލިބެން ހުންނަން ޖެހެއެވެ.

މިކަންކަން ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދެވިދާނެއެވެ.