ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކުރެވިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދެވުނު އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައެވެ.

Ad
rt

މި ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ 1 މެއި އިން 31 ޖުލައި ގެ ނިޔަލަށެވެ.

ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަރ ސޮސައިޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ހާއްސަ އެލަވަންސް ކޮންމެ ކުއްޖަކަށް ދެވިފައެވެ. އަދި އެ ކުންފުނީގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ.

އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތާއި އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، މިކުދިންނަށް ވަނީ މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިގެން ގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.