އަނިޔާގެ ޝިކާރައަށްވެފައިވާ މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ނިންމައި ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމައިގެ ދަށުން އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި، މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީސީއެމް އިން ބުނެއެވެ.
މި ފަހުމުނާމާގެ މަގުސަދަކީ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތައް މުޖުތަމަޢުގައި އިތުރުވަމުންދާއިރު، މާލީ ތަނަސްކަން ނެތުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެގޮތުން މި ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އަދި ކޯޓު މަރުހަލާގައި ބޭނުންވާ ގާނޫނީ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
އެސްއެމްއީ ހަބްގައި ބޭއްވުނު ބައްދަލުވުމެއްގައި ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޕާރޓްނަރ އަލްއުސްތާޛާ ޒުލޭޚާ އިބްރާހީމްއެވެ. ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!