ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ގިރާނުކުރާނެ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަލުން ގުޅިވަޑައިގަތުމަށްފަހު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އޭނާ ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެ ޕާޓީގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް ގުޅިވަޑައިގަތީ 31 މެއި 2023 ގައެވެ.
އެހެންނަމަވެސް މާގިނަ ދުވަސްތަކެއްނުވެ، އޮގަސްޓު 15، 2023 ގައި އޭނާ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް އާއި ޑެޕިއުޓީ މޭޔަރު އަދި ތިން ކައުންސިލަރުން ވަނީ އެމްޑީޕީ އަށް ސޮއި ކުރައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ އަކްރަމް މުޙައްމަދު ވެސް ވަނީ އަލުން އެމްޑީޕީ އަށް ގުޅިވަޑައިގެންފައެވެ.
އަލުން އެމްޑީޕީ އާ ގުޅުމަށްފަހު އާތިފް ވިދާޅުވީ މަދުބައެއްގެ މަލާމާތާއި ފުރައްސާރަ ރައްދުވީކަމުގައި ވީނަމަވެސް، އަސާސެއްނެތް ދޮގު އިލްޒާމުތައް ބޮލުގައި އެޅުވިކަމުގައި ވީނަމަވެސް، ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް އަޅުގަނޑުމެން ގިރާނުކުރާނޭ އެއްވެސް އޮޅިއެއް ނޯންނާނެ ކަމަށެވެ.
"ނޫފުލާނޭ އެއްވެސް ތަކުލީފެއް، ނާޅާނޭ އެއްވެސް ފިޔަވަޅެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް އަރުވަން"
މި މަސައްކަތައް ނިކުތީ ހިތްވަރުގަދަ ޓީމަކާއިއެކު ފިސާރި ކެރިގެންކަން ހާމަކުރަމުން އާތިފް ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ މުހިންމު މަޝްރޫތައް އެކަށީގެންވާ ސްޕީޑްގައި ނުހިނގާތީ ސަރުކާރުގެ ސަމާލުކަމަށް އެކަންގެނައުމަށްޓަކައި، ދާންޖެހުނު ކޮންމެ ހިސާބަކަށް ގޮސް، ރަށުގެ ކުރިއެރުމަށް އެބޭފުޅުންނާއެކު މި މަސައްކަތުގައި ބައިވެރިވަމުންގެންދަވާ އެންމެ ބޭފުޅުންނަށް ފައްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ މި މަސައްކަތުގެ ނަތީޖާ ހަމަ ރައީސް ސާލިހާއިއެކު ރައްޔިތުންނަށް ފެންނާންފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!