ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ބްރިޖިން ޕްރޮގްރާމް ނިމިއްޖެއެވެ.

މިކަމާއި ގުޅިގެން 'ތިލަދުން' އަށް މައުލޫމާތި ދެއްވަމުން މި ކޯސް ހިންގުމުގައި އިސްކޮށް އުޅުއްވި އެރަށު ކައުންސިލު މެމްބަރު އަހްމަދު ވަހީދު ވިދާޅުވީ މިއީ އެއް އަހަރުގެ މުއްދަތަށް ހިންގި ކޯހެއް ކަމަށެވެ.

Ad
rt

މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ކައުންސިލު އިދާރާ އަދި އެރަށު ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކޯސް ހިންގުމުގެ އިދާރީ ކަންކަން ކައުންސިލުން ބެލެހެއްޓިއިރު، ކިޔަވައިދެއްވީ ސްކޫލުގެ ޓީޗަރުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭނުމަކީ ބެލެނިވެރިންގެ އިނގިރޭސި ފެންވަރު މަތިކުރުން ކަމަށާއި މިފަހަރު މި ހިންގީ ބޭސިކް އިނގިރޭސި ކޯހެއް ކަމަށެވެ.

"އަޅުގަނޑުމެން މި ހިންގީ ބޭސިކް އިނގިރޭސި ކޯހެއް އެއް އަހަރުގެ މުއްދަތަށް. ބޭނުމަކީ ދަރިވަރުންނަށް އިނގިރޭސި މުދައްރިސުން ދީފަ ހުންނަ ފިލާވަޅުތައް ބެލެނިވެރިންނަށް ފަހުމުވުން އިތުރުކުރުން. މި ދަންނަވަނީ ހުރިހާ ބެލެނިވެރިންގެ ވާހަކައެއް ނޫން. ބައެއް ފަރާތްތަކަށް އިނގިރޭސި ފަހުމްވުމުގަ ދަތިތައް އުޅޭތީ އެކަމަށް ހައްލެއް ހޯދައިދިިނުން ބޭނުމަކީ." އަހްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެފަދަ ބެލެނިވެރިން ބަލިވެގެން ޑޮކްޓަރެއް ގާތަށް ދިއުމުން ޑޮކްޓަރުން ބުނާ އެތި ސީދާ އެ ބެލެނިވެރިޔާ އަށް އެނގުމަކީ ވެސް މި ކޯސް ހިންގުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު ވަހީދު ވިދާޅުވީ މި ކޯހުގައި 90 ފަރާތުން ބައިވެރިވިނަމަވެސް ކޯސް ނިންމީ، 30 ބައިވެރިން ކަމަށެވެ. އަދި އެހެން ދިމާވީ ދިގު މުއްދަތަކަށް ހިންގި ކޯހަކަށްވާތީ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.