މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައި މުޖްތަމައު ދެކޭގޮތް ބަދަލުވާތަން ފެންނަމުންދާ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނަސީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރިއަށް ގެންދެވިއްޖެނަމަ، އަތޮޅުތެރެ ބާކީ ނުވެ، މާލެ ނައިސް އަމިއްލަ ރަށުގައި ހުރެގެން ފަރުވާއަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިސަރުކާރުގެ ސިޔާސަތަކީ އަތޮޅުތެރޭ، ސިއްހީ ހިދުމަތްދޭ ތަންނުން ވީހާވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި އެކަންމިހާރު ފެށި، ތަޖްރިބާ ކުރެވިއްޖެކަން ފާހަގަކުރައްވާ ވިދާޅުވީ ދެން އޮތީ، ވަކި ރަށެއް ތަފާތު ނުކޮށް، އެ ހިދުމަތުގެ ބޭނުން އޮތް ހުރިހާ ސަރަޙައްދެއްގައި މަސައްކަތް ފެށުން ކަމަށެވެ.

ވަޒީރު ވަނީ ރާއްޖޭގައި އަށަގެންފައިވާ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައްކަން ފާހަގަކުރައްވާ، ބޯހިޔާވަހިކަމަށް ގެންނަ ހައްލުގެ ތެރެއިން މިކަމަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންހެނުންނަށް ހާއްސަކުރެވިގެން ދެވޭ ފަރުވާއަށް ގެނައި ބަދަލާއިއެކު، އެތަނުން ރަނގަޅު ނަތީޖާ ފެންނަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ޖަލުގައި ފެއްޓި ފަރުވާއިން، މީހުން ޖަލުން ނިކުމެ، މުޖްމައުގައި ހަރުދަނާ ބައެއްގެ ގޮތުގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ޑަބްލިއު.އެޗް.އޯގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށްޓަކައި ތައްޔާރުކޮށްފައިވާ "ސިޓުއޭޝަނަލް އެނާލިސިސް އޮފް ޑްރަގްސް އިން ދަ މޯލްޑިވްސް 2021" ރިޕޯޓު ވަނީ ވަޒީރަށް އަރުވާފައެވެ. އަދި ނަސީމް ވަނީ ނޭޝެނަލް ޑްރަގް އޭޖެންސީ، ރީ-ބްރޭންޑްކޮށް، އެ އެޖެންސީގެ އައު ލޯގޯއާއި ކުލަ އިފްތިތާހު ކޮށްދެއްވާފައެވެ.