އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުން ޓީމް ނައިވާދޫއާއި އިހަވަންދޫ ޔުނައިޓެޑް ޔޫތު ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ކުޅިމަގާއި ޔުނައިޓެދް ޔޫތެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ޔޫތުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތުގެ ޖޯޒީ ނަމްބަރު 11، އަޙްމަދު ހަލީމްއެވެ.

Ad
rt

ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި ޓީމް ހަނިމާދޫއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނައިވާދޫ ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ގޯލު ބެލެހެއްޓި މުޙައްމަދު ރިޒާއެވެ.

ޔުނައިޓެޑް ޔޫތާއި ނައިވާދޫ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އިހަވަންދޫ ޓާފް ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައެވެ.