ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ 148 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.
އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު މާހާ، އާމިނަތު ވަޙީދާއާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި، އަނގޮޅިތީމު ފެހިވިލާގޭ އަޙްމަދު ރަޝީދެވެ.
މީގެ އިތުރުން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓްކަން ކުރެއްވި ގަލޮޅު ފަސާނާ ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ޙާޞިލްކުރެއްވީ 65 ބޭފުޅެކެވެ.
މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!