ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2023" ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށަން ތާވަލުކޮށް މުބާރާތް ހޯސްޓް ކުރާނެ ރަށްތައް ހޯދުމަށް އިޢުލާން ކޮށްފިއެވެ.

މިއީ އެ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ.

Ad
rt

ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ތިލައުތު ފުޓްސަލް މުބާރާތް" ނަމުގައި ފުރަތަމަ މުބާރާތެއް ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ. އުތީމް ކައުންސިލާއި ގުޅިގެން އުތީމުގައި މިދިޔަ އަހަރު މުބާރާތް ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

ހއ.އަތޮޅު ކައުންސިލުން މި އަހަރު މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އެ އަތޮޅުގެ ދެ ބިތުގައި މުބާރާތް ކުޅޭ ގޮތަށް ދެ ރަށެއްގައެވެ. ނަމަވެސް މިގޮތަށް މުބާރާތް ކުރިއަށް ގެންދާނީ ކޮންމެ ބިތަކުން މަދުވެގެން ހަތަރު ޓީމް ބައިވެރިވާނަމައެވެ.

މިހާރު މުބާރާތް ހޯސްޓް ކުރަން ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަންނަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޝަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން އެދިލައްވައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.