ހއ. ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާވީސް ސްޕޯޓްސް ކުލަބުން ހޯރަފުށީ ޕޮލިސް ކްލަބް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ބާވީސް ސްޕޯޓްސް ކުލަބާއި ހޯރަފުށީ ޕޮލިހެވެ. މި މެޗު 21-09 އިން ކާމިޔާބު ކުރީ ބާވީސް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބާވީސް ސްޕޯޓްސް ކްލަބުގެ ޖޯޒީ ނަމްބަރު 9، ހައްވާ ސްލައިމާންއެވެ.
މި މުބާރާތަކީ ހއ އަތޮޅުގެ ސަރުކާރު މުއައްސަސާތަކަށާއި ކްލަބް ޖަމިއްޔާތަކަށް އަމާޒު ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ތިން ޓީމެކެވެ. އެއީ ބާވީސް ސްޕޯޓްސް ކްލަބާއި، ހޯރަފުށީ ޕޮލިސް އަދި ޓީމް ދިއްދޫ (ބާރަލާ ސްޕޯޓްސް ކްލަބް) އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ދިއްދޫއާއި ހޯރަފުށީ ޕޮލިސް ޓީމެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:15 ގައެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހު ހަވީރުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!