މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ގޮތަށް "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްރަކްޗާ އިން އެކުލަވާލައިފިއެވެ.
މި ގައިވާއިދު ވަނީ އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށް ކަމަށް ބުނެފައިވީނަމަވެސް މުއްދަތު އިތުރުކުރަން ހުށަހަޅައިފި ހާލަތެއްގައި، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކުލީގެ މުއްދަތު 50 އަހަރަށް އިިތުރުކުރެވޭގޮތަށެވެ. އަދި އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ވާނަމަ ސަބްލީސްކުރުމާއި ރަށުގެ ލީސް ރަހުނު ވެސް ކުރެވެއެވެ
އެހެންނަމަވެސް މުއްދަތު އިތުރުކުރާއިރު، އެރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް އެއްބަސްވެފައިވާ ތާވަލާއި އެއްގޮތަށް ކުރަމުން ގެންގޮސްފައިވުމާއި މަދުވެގެން 75 އިންސައްތަ މަސައްކަތް ފުރިހަމަ ކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށް ވެސް ގަވާއިދުގައި ވެއެވެ. އަދި މިގަވާއިދު ހިނގާނީ ކަނޑައެޅިފައިވާ ދާއިރާތަަކަށް ނުފެތޭ ގޮތުން ދޫކުރާ ފަޅުރައްރަށުގެ މައްޗައްކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން އެ ރަށްރަށަކީ ގާނޫނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް، އިގްތިސާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް، އަދި ރާއްޖޭގެ ޓޫރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށެވެ.
މި ގަވާއިދުގައިވާ ގޮތުން ދޫކުރާ ރަށްތަކުގެ ތެރެއިން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށްތަކުގެ ތެރެއިން ދޫކުރެވޭ ފަޅު ރަށްރަށް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ. ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރަނީ އެ ރަށެއް ނިސްބަތްވާ ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!