މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދިން ދައުވަތު ގަބޫލު ނުކުރާކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީ އާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް، އެ ޕާޓީގެ އެންމެ އިސްފަރާތް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްއާރްއެމް ޒައީމް، ކުރީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް ދެއްވި ދަޢުވަތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމް.ޑީ.ޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި ނުރަސްމީކޮށް އަދި ލިޔެކިޔުމުގެ ޒަރީއާ އިން ވެސް މަޝްވަރާކުރެވި، އެމް.އާރް.އެމް އިން ތާއީދުކުރާ ސިޔާސަތުތައް ހާމަކުރެވިފައިވާ ކަމަށެވެ.

Ad
rt

އެމްއާރްއެމް އިން ބުނީ އެމް.ޑީ.ޕީ ގެ އިސްވެރިންނާއެކު 1 މެއި ގައި އެމް.އާރް.އެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު، އެމް.ޑީ.ޕީގެ ހުށަހެޅުންތައް އެ ޕާޓީގެ އެކްސްކޯ އަށް ހުށަހަޅައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އެމް.ޑީ،ޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމް.އާރް.އެމް އަށް އެއްބަސް ނުވެވޭތީ، އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި އެމް.ޑީ.ޕީ އާއި އެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ކަމުގައި އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

އެހްނނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދަޢުވަތަށް އެމް.ޑީ.ޕީގެ އިސްވެރިޔާ، ރައީސް ސާލިހަށާއި އެމް.ޑީ.ޕީގެ އިސްވެރިންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.