އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން ޓީމް ހަނިމާދޫއާއި އިހަވަންދޫ ކުޅިމަގު ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ބީގެ ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ސެންސިޓީއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސެންސިޓީއެވެ. މި މެޗުގެ އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހަސަން ސަމީރު، އަހްމަދު ޒާހިދު، ހަސަން ޒަހުވާންގެ އިތުރުން ހުސެއިން ސަމީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސެންސިޓީގެ ޖޯޒީ ނަމްބަރު 5، ހުސެއިން ސަމީރުއެވެ. މި މެޗަށް ނުކުތްއިރު ވެސް މި ގްރޫޕުން މި ދެ ޓީމަށް އޮތީ ސެމީ ފައިނަލުގެ ދޮރު ބަންދުވެފައެވެ.
މިއަދު ހަވީރު ކުޅުން ދެވަނަ މެޗުގައި ބައްދަލުކުރީ ޓީމް ހަނިމާދޫއާއި މާރަންދޫއެވެ. މާރަންދޫއަށް މުބާރާތުގައި ކުރިއަށް ދިޔުމަށް މޮޅުވާން މަޖުބޫރު މި މެޗުގެ އެ ޓީމް ވަނީ 4-0 ގެ ނަތީޖާއިން ބަލިވެ މުބާރާތުން ކަޓާފައެވެ. މި މެޗުގައި ހަނިމާދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ އަލީ އާމިރު، ހުޒާމް އަބްދުއްރަހީމް، މުޙައްމަދު ނާފިޒްގެ އިތުރުން ނައުފަލް އަބްދުލްރަހީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، އަލީ އާމިރުއެވެ. އާމިރު ވަނީ ހަނިމާދޫ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދާފައެވެ.
މި ނަތީޖާތަކާއިއެކު ޓީމް ހަނިމާދޫއާއި ކުޅިމަގު މި ގްރޫޕުން ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. މިވަގުތު ހަނިމާދޫ އެއްވަނާގައި އޮތީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ކުޅިމަގަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރުމަށް ކުޅިމަގުން ކުރިއަށް އޮތް ސެންސިޓީ މެޗު ބޮޑު ތަފާތުން ކާމިޔާބު ކުރަން ޖެހޭނެއެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީމް ނައިވާދޫއާއި ކްލަބް އިރަމާއެވެ. ނައިވާދޫއަށް މިހާރު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފައިވީ ނަމަވެސް މި ގްރޫޕްގެ އެއްވަނަ ޔަގީން ކުރުމަށް މާދަމާ މެޗުން މޮޅުވުން މުހިންމުވާނއެވެ. މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުޅިމަގާއި ސެންސިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!