ގައުމެއް މިނިވަންކުރުމަކީ އެ ގައުމެއް އަޅުދާސްކޮށްގެން ތިބިބައެއްގެ އަތުން ގައުމުއަތުލައި، ރައްޔިތުންގެ އަމިއްލަ ވަންތަ ސަރުކާރެއް ގާއިމުކުރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

Ad
rt

އެ ހިތާބުގައި ވިދާޅުވީ އެއާ ހިލާފަށް، ގައުމެއްގެ މިނިވަންކަން ދަމަހައްޓައި އަމިއްލަ ވަންތަ ދައުލަތެއް ބިނާކުރުމަކީ، ވަރަށް ގިނަ ދާއިރާތަކަކުން ކުރަންޖެހޭ ކަމެއް ކަމަށާއި ގައުމިއްޔަތުގެ ފޭރާމުގައި ހުރި ބާތަށް ހުރިހާ ދިމާލަމުން ބައްދައި، މިނިވަންކަން ގެއްލިދާނޭ ފަދަ ނުފޫޒުތަކަށް ނުވަދެވޭނޭ ފަދަޔަކުން، ވަށާޖެހޭގޮތަށް ދަމަހައްޓަންޖެހޭ ކަމެއް ކަމަށެވެ.

"ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާލައިފިނަމަ، ދިވެހި ދިދަ އ.ދ ގެ މައިމަރުކަޒުގައި ވިހުރެވެމުން ދިޔަ ނަމަވެސް، ދިވެހި ދައުލަތުގެ މިނިވަންކަން ފުރިހަމަގޮތުގައި ހިފެހެއްޓިފައިވާކަމުގައި ދެންނެވުމަކީ އުނދަގޫކަމެއް. އަދި އަމިއްލަ ވަންތަ ދައުލަތެއްގެ ގޮތުގައި ދިވެހިދައުލަތުގެ މުސްތަގުބަލުއޮތީ އުޖާލާ ކޮށްކަމުގައި ދެންނެވޭކަށްވެސް ނެތް." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ މިއަދު ދިވެހި ދައުލަތުގެ އެކިދިމާތަކުން ޖަހަމުން ގެންދަނީ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުތައްކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާންޖީލުތަކުގެ ކުރިމަގަށް އިހުމާލުވެވި، މުސްތަގުބަލުގެއްލެމުންދާ ކަމުގެ އިންޒާރުތައް ވެސް ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

މި އިންޒާރުތައް ބަލައިގަނެ، އެކަންކަން ރަނގަޅު ކުރުމަކީ ކޮންމެދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށާއި އެކަން ކުރާކަށް އެހެން ބަޔަކު ނާންނާނެކަމާއި އަންނާކަށް ނުވެސްޖެހޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ދިވެހި ތާރީހުގެ ފަތްފުށްތައް ފުރިފައިވަނީ މިނިވަންކަމަށް މަސައްކަތްކުރެއްވި އަބްތާލުންގެ ޖިހާދުގެ ވާހަކަތަކުން ކަމަށާއި ދުނިޔޭގެ ތާރީހުގެ ފޮތްތައް ވެސް ފުރިފައިވަނީ އެކިގައުމުތަކުގައި މިނިވަންކަމަށްވީ ގުރުބާނީގެ ވާހަކައިންކަން ނާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ގައުމެއް އުފެއްދުމަކީ މުގައްދަސް އަދި ބުރަ މަސައްކަތެއް ކަމަށާއި ހަމައެއާއެކު، އެގައުމެއްގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުމަކީ އެއަށްވުރެ ބުރަ އުނދަގޫ މަސައްކަތަކަށް ގިނަފަހަރުވާ ކަމަށް ވެސް ވިދާޅުވިއެވެ.