އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި އެންވީކޭއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕުން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ނައިވާދޫއަށް ކަށަވަރު ވެއްޖެއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބޮޑުމަގާއި ކުލަބް އިރަމާއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބޮޑުމަގުންނެވެ. މިއީ މުބާރާތުގައި ބޮޑުމަގު ޓީމުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޮޑުމަގު ޓީމްގެ ޖޯޒީ ނަމްބަރު 17، އިބްރާހީމް ސިމާހުއެވެ. މި ދެ ޓީމަށް މުބާރާތުގައި ބާކީ އެއް މެޗު އޮތްނަމަވެސް ދެ ޓީމަށް ވެސް ވަނީ ސެމީގެ ޖާގަ ގެއްލި މުބާރާތުން ކަޓާފައެވެ.
މިއަދު ހަވީރު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެންވީކޭއާއި ޔުނައިޓެޑް ޔޫތެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމިގެން ދިޔައީ 3-3 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތުގެ ޝިފާޒް އިބްރާހީމްއެވެ.
މި ނަތީޖާއާއިއެކު ގްރޫޕް އޭގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ނައިވާދޫއެވެ. ނައިވާދޫއަށް މިހާރު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، ނައިވާދޫ ކުޅޭ ގްރޫޕް ސްޓޭޖް ފަހު މެޗުގައި އެ ޓީމް ބައްދަލުކުރާނީ ގްރޫޕްގެ ފުލުގައި އޮތް ކްލަބް އިރަމާއާއެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާ އެންވީކޭ މިވަގުތު ދެވަނާގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެނެވެ. ނަމަވެސް މި ގްރޫޕްގައި ތިންވަނާގައި އޮތް ޔުނައިޓެޑް ޔޫތަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ޔޫތާއި ބޮޑުމަގު ބައްދަލުކުރާ މެޗުން ޔުނައިޓެޑް ޔޫތު މޮޅުވެއްޖެނަމަ މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ޔުނައިޓެޑް ޔޫތަށެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަނަފަރާއި ސެންސިޓީއެވެ. މި ދެ ޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާރަންދޫއާއި ހަނިމާދޫއެވެ. ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށް ހަނިމާދޫއަށް ޕޮއިންޓެއް ބޭނުންވާއިރު މުބާރާތުގައި ކުރިއަށް ދިޔުމަށް މާރަންދޫއަށް މި މެޗުން މޮޅުވާން މަޖުބޫރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!